އަލްހާން ފަހުމީ

ރައްޔިތުން ހަނދާން ނައްތާލާފައި، ޕާޓީއަށްޓަކައި ނުވަތަ ލީޑަރަށްޓަކައި ވޯޓު ދެވޭކަށް ނޯންނާނެ: އަލްހާން

ރައްޔިތުން ހަނދާން ނައްތާލާފައި، އެ މެމްބަރަކު އިންތިހާބުވި ޕާޓީއަށްޓަކައި ނުވަތަ އެ ޕާޓީއެއްގެ ލީޑަރަށްޓަކައި ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް ވޯޓު ދެވޭކަށް ނޯންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދިން ހެންވޭރު އުތުރު ދާއިރާގެ މަޖިލިސް ބަހުސްގައި ވާހަކަދައްކަވަމުން އަލްހާން ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނު ނިޔާކުރާ ގޮތުގެ މަތިން މެމްބަރުން އިންތިހާބު ކުރެވެނީ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި އެ މެމްބަރަކު ނިސްބަތްވާ ޕާޓީއަކާއި އެ މެމްބަރެއްގެ ލީޑަރަކާއި އެ މެމްބަރެއްގެ ރަށަކާއި އެ މެމްބަރެއްގެ އަވަށަކާއި އެ މެމްބަރެއްގެ އާއިލާއަށް ބެލުމެއް ނެތި ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގާނޫނީ ހުވާގައި ވެސް އޮންނަ ގޮތަކީ އެއީ ކަމަށެވެ.

"އަޅުގަނޑުމެންނަކަށް ނޯންނާނެ ރައްޔިތުން ހަނދާން ނައްތާލާފައި، ޕާޓީއަށްޓަކައި ޕާޓީގެ ލީޑަރަށްޓަކައި ވޯޓު ދެވޭކަށް. އަޅުގަނޑުމެން ވޯޓު ދޭނީ ރައްޔިތުންނަށްޓަކައި، ގައުމަށްޓަކައި،" އޭނާ ވިދާޅުވިއެވެ.

އަލްހާން ވިދާޅުވީ ސިޔާސީ ޕާޓީތަކަކީ ބައެއް ހާލަތްތަކުގައި އެ ޕާޓީތަކުގެ ލީޑަރުން ޑިކްޓޭޓް ކުރައްވާ އެއްޗެއްކަން ރާއްޖޭގެ ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ ކަމަށާއި ޕާޓީއަކީ ސިޔާސަތު ކަނޑަޅަން އަންނަ އެއްޗެއް ކަމަށެވެ. އަދި ޕާޓީއަކީ ރައްޔިތުންގެ މަޖިލީހަށް ގާނޫނީ ހައިސިއްޔަތެއް ލިބިގެން ވަންނަ އެއްޗެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެހެންނަމަވެސް އެ މެމްބަރުންގެ ސިޔާސަތު ކަނޑައެޅުމާއި ކަނޑަނޭޅުމުގައި ގައުމީ މަސްލަހަތު އިސްކުރުމަށް ރައްޔިތުން މަޖިލީހުން ކަނޑައެޅުމުގެ ހާލަތްތަކުގައި ޕާޓީތަކުގެ ވިޕްލައިން ބްރޭކް ކުރަން ޖެހެނީ. ރާއްޖޭގެ ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑަކީ އެކަން ކުރި މީހާކަން،" އޭނާ ވިދާޅުވިއެވެ.

އަލްހާން އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަސައްކަތްކުރައްވަން ވާނީ ވަކި ޕާޓީއަކަށް، ވަކި ކުލައަކަށް ބެލުމެއް ނެތި ކަމަށެވެ.