ޝަހީދާ އަބްދުﷲ ސައީދު
އިމިގްރޭޝަނުގެ ގާނޫނުގެ ދަށުން ހާސިލުކުރަން ބޭނުންވާ މަގުސަދުތައް ހާސިލުވިޔަ ނުދިނުމުގެ ގޮތުން އެއްވެސް އަމަލެއް ހިންގުމަކީ ކުށެއް ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ އިމިގްރޭޝަނުގެ ގާނޫނުން ހާސިލުކުރަން ބޭނުންވާ މަގުސަދުތައް ހާސިލުވިޔަނުދިނުމަށް މަސައްކަތްކުރާ ފަރާތްތަކާ މެދު އިމިގްރޭޝަނުގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެ ކަމެއް ކަމަށެވެ.
އިމިގްރޭޝަނުގެ އިތުރު ޓުވީޓެއްގައި ވޯކް ވިސާއާއި ގުޅޭގޮތުން މީސް މީޑިއާގައި ދައްކަމުންދާ ވާހަކަތަކަށް އިޝާރާތްކޮށް ބުނެފައިވަނީ މިއަދު އިމިގްރޭޝަނުން ޝާއިއުކުރި ނޫސްބަޔާނުގައިވާނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން، ގަވައިދާ އެއްގޮތަށް ބަދަލުކުރުމުގައި އަމަލުުކުރަމުންދިޔަ އުސޫލުގެ ވާހަކަ ކަމަށެވެ.
އަދި ވޯކްވިސާ ފީ އާއި ވޯކް ވިސާ ކާޑު ހެއްދުމަށް ދައްކަންޖެހޭ ފައިސާއާއި ގުޅިގެން އެއްވެސް އިރެއްގައި އިތުރު ގޮތަކަށް އަމަލުކޮށްފައި ނުވާނެ ކަމަށެވެ. އަދި ކަމުގެ ހަގީގަތް އޮޅޭގޮތަށް މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފައިވެއެވެ.
މިއަދު ނެރުނު ނޫސްބަޔާނެއްގައި އިމިގްރޭޝަނުން ބުނެފައިވަނީ، ވޯކްވިސާއަށް ދައްކަންޖެހޭ 6،000 ރުފިޔާ ދައްކަން ނުޖެހޭގޮތަށް ގަވާއިދަށް ބަދަލުގެނަސް ގެޒެޓް ކުރެވިފައިވާއިރު އިމިގްރޭޝަންގެ މެނޭޖްމަންޓަށް ބަދަލުއައިސް، އިމިގްރޭޝަނުން ކުރަމުންދިޔަ ބައެއް މަސައްކަތްތައް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ މެންޑޭޓުގައި ހިމެނިފައިވާ ކަމަށެވެ.
އެހެންކަމުން އިމިގްރޭޝަންގެ މެންޑޭޓަށް އައި ބަދަލާ ގުޅިގެން ބިދޭސީންގެ ވޯކް ވިސާއަށް ގެންނައި އެ ބަދަލުގައި ފުށުއެރުންތަކެއް ހުރުމުން އެކަން ބާތިލްކުރަން ނިންމާފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.