އަލްހާން ފަހުމީ

އަލްހާން ނަޝީދަށް: މިއަދު ސޭޓަށް ގޮވާއިރު ރިޔާސީ އިންތިހާބުގައި ސޭޓު ނޫންގޮތެއް އޮތްތޯ؟

ޝަހީދާ އަބްދުﷲ ސައީދު

އެމްޑީޕީގެ ޕޯޑިއަމްތަކުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމަށް ނިސްބަތްކުރައްވައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ''ސޭޓު'' އޭ ވިދާޅުވަމުންދާއިރު ރިޔާސީ އިންތިހާބުގައި ސޭޓު ނޫން ގޮތެއް އޮތްތޯ އަލްހާން ފަހުމީ ސުވާލު ކުރައްވައިފިއެވެ.

މަޖިލިސް ކެމްޕެއިން ލޯންޗް ކުރުމަށް ރޭ މާމިގިލީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަލްހާން ފަހުމީ ވަނީ ކުރީގެ ރައީސް ނަޝީދަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން ގާސިމަށް ނިސްބަތްކުރައްވައި ''ސޭޓު'' އޭ ވިދާޅުވަމުންދާ ދިއުން ފާހަގަކުރައްވައި އޭނާ ވިދާޅުވީ 2008 ގެ ރިޔާސީ އިންތިހާބުގައިވެސް އަދި 2018 ގެ ރިޔާސީ އިންތިހާބުގައިވެސް ނަޝީދަށް ފެނިވަޑައިގަތީ އެމަނިކުފާނު އެވިދާޅުވާ ''ސޭޓު'' ކަމަށެވެ.

އޭނާ ވިދާޅުވީ ގާސިމް އިބްރާހީމް ގައުމަށާއި ދުނިޔެއަށް ކޮށްދެއްވީ ކޮން ކަމެއްކަން ދުނިޔެވެސް ގަބޫލުކުރާ ކަމަށާއި އަދި ގާސިމަށްޓަކައި މާމިގިލީ ރައްޔިތުން ފަޚުރުވެރިވާން ޖެހޭ ކަމަށެވެ.

އަލްހާން ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 87 ގޮނޑީގެ ތެރެއިން ރަގަޅު 12 ގޮނޑިވެސް އެމްޑީޕީއަށް ނުލިބޭނެ ކަމަށާއި އޭގެ ތެރޭގައި ވަރަށްގިނަ ސަބަބުތައް އެބަހުރި ކަމަށެވެ.

'' އަޅުގަނޑުމެން އެންމެނަށްވެސް އެނގޭ މިދިޔަ ރިޔާސީ އިންތިހާބަށް ފުރޮޅައިލި އިރު ގާސިމް އިންނެވީ ޖަލުގައިކަން. އަޅުގަނޑުމެންނަށް އިނގޭ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށް އޮތް ފުރުސަތު ގެއްލުވާލިކަން، މަޖިލީހަށް ނުހަމަ ނުފޫޒުތަކެއް ވައްދައިގެން ގާނޫނު އަސާސީ ބަދަލުކޮށްގެން. އެފުރުސަތު ގެއްލުވާލާފައި، ޖަލަށް ލައިގެން އިންތިހާބެއް ބޭއްވިއިރު އަޅުގަނޑުމެން ހަނދާން ހުންނާނެ މިއަދު ސޯޝަލް މީޑިއާގަ އާއި އެވިދާޅުވާ އެމްޑީޕީގެ ޕޯޑިއަމްގައި ސޭޓު ނޫން ގޮތެކޭ ކިޔައިގެން ވާހަކަދެއްކި އިރު އެނޫން ގޮތެއް އޮތްތޯ އެދުވަހު.'' އަލްހާން ވިދާޅުވިއެވެ.

އަލްހާން ވިދާޅުވީ ރިޔާސީ އިންތިހާބަށް ނުކުންނަން ވެގެން އެދުވަހު ހަތަރު ލީޑަރުންނަށް ފެންނަ ގޮތަކަށް ކަންކަން ކުރުމަށް އެއްބަސްވެގެން ގުޅުނީ ޖުމްހޫރީ ޕާޓީގެ ސައިޒު ބޮޑުކަމުންނާއި އެޕާޓީގެ ޝަޚުސިއްޔަތު އޮތުމުން ކަމަށެވެ.

އަދި ނައިބު ރައީސްގެ މަގާމު ޖުމްހޫރީ ޕާޓީއަށް ދޭންޖެހުނީ ޕާޓީގެ ސައިޒު ބޮޑުވުމުން ކަމަށާއި އެކަން މިހާރު ރައީސް ނަޝީދު ހަނދުމަފުޅުވެސް ނެތް ކަމަށް އަލްހާން ވިދާޅުވިއެވެ.

ރޭގެ ވާހަކަފުޅުގައި ރައީސް ނަޝީދަށް ރައްދުދެއްވަމުން ގާސިމް ވިދާޅުވެފައިވަނީ ޕޯޑިއަމްތަކުގައި އެމަނިކުފާނަށް ނިސްބަތް ކުރައްވައި ސޭޓަށް ގޮވިޔަސް އެންމެ އިންޗިއެއްވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.