ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ފްރާންސްގެ ޑަންކާކުގައި ހައްޔަރުވެ ގައިދީއެއްގެ ގޮތުގައި ފަސް އަހަރު ހޭދަކުރި އިނގިރޭސި ސިފައިންގެ މީހެއްގެ ދެދަރިން މުޅިން އަލަށް ބައްދަލުވެއްޖެއެވެ. ބައްދަލުވިއިރު އެކެއްގެ އުމުރަކީ 87 އަހަރެވެ. އަނެކެއްގެ އުމުރަކީ 85 އަހަރެވެ. ދެމީހުންވެސް އުޅެމުންދިޔައީ އިނގިރޭސިވިލާތުގައެވެ.
އަލެން ސުވިންބޭންކަށް އޭނާގެ އެއްބަފައި ކޮއްކޮއަކު ހުރިކަމެއް ނުވެސް އެނގެއެވެ. އަލެންގެ މަންމަ ދޫކޮށްފައި ބައްޕަ ދިޔައީ އޭނާގެ އުމުރުން އެންމެ ހަމަހުގައެވެ. ބައްޕަ ދެކެ އަރާ ރުޅިއެއްގެ ސަބަބުން އޭނާގެ ވާހަކައެއްވެސް މަންމަ ނުދައްކައެވެ. އެހެންވީމާ ބައްޕަ ދިޔަތަނަކާއި ކުރާކަމެއް އަލެންއަށް އޮތީ ވަންހަނާވެފައެވެ. ފަހުން ބައްޕައެއް ހުރިކަންވެސް އޮތީ ހަނދާންނެތިފައެވެ.
މިހެން ހުއްޓައި އޭނާއަށް އެއްދުވަހަކު އައީ ފޯންކޯލެކެވެ. ގުޅީ ޒުވާން އަންހެންކުއްޖެކެވެ. ބުންޏެވެ. އަހަރެން ހޯދި ހޯދުމުން ކަލެއަކީ އަހަރެންގެ ކާފަޔާއި އެއްބަފާ މީހެކެވެ. އެހެންވީމާ ބައްދަލުކުރަން ކާފަ އެބަގެންނަމެވެ. މި ގުޅުމެއް ގުޅީ އުމުރުން 85 އަހަރުވީ ޖޯން ސުވިންބޭންކުގެ ކާފަދަރިއެކެވެ. މިޒަމާނުގެ ޑީއެންއޭ ގުޅުވުމުގެ ވިޔުގައެއްގެ ތެރެއިން މިއީ ދެބެއިންކަން އޭނާއަށް މޭރުންވުމުންނެވެ.
ޖޯންއަށްވެސް އޭނާގެ އެއްބަފައި ބޭބެއަކު ހުރިކަމެއް ނޭނގެއެވެ. އޭނާ ބަލައިބޮޑުކުރީ ކާފަޔާއި ބޮޑުދައިތައިންނެވެ. ބައްޕަ ނުވެސް ދެކެއެވެ. ބައްޕަވަނީ މަރުވެފައި ކަމަށް އެމީހުން ބުނެފައިވާއިރު ހަގީގަތުގައި ބައްޕަ މަރުވީ 1980 ވަނަ އަހަރުގެ ތެރޭގައެވެ. ކޮންމެއަކަސް މި ދެބެއިން އެކަކު އަނެކަކާ ބައްދަލުވިއިރު ދެމީހުންގެވެސް މުނިކާފަ ދަރިން ތިއްބެވެ.