ދުނިޔެ

އަނބިމީހާގެ ކިބައިން ސަލާމަތްވެގެން ޖަލުގައި އޮތުމަށްޓަކައި ފިރިމީހާ ކުރި ވައްކަން!

އިމާދު ލަތީފު

ތައިލެންޑުގެ ގަހަނާ ފިހާރަޔަކުން ރަނުގެ ހާރެއް ވަގަށްނެގި އެގައުމުގެ ވައިގެ ސިފައިންގެ އޮފިސަރަކު އޭނާގެ ދިފާއުގައި އާދަޔާ ޚިލާފު އުޒުރެއް ދައްކައިފިއެވެ.

ތަހުގީގުގައި އޭނާ ބުނެފައިވަނީ އަނބިމީހާގެ ކައިރީގައި ގޭގައި ހުރުމަށްވުރެ ޖަލުގައި އޮތުންވެސް ހިތަށް ފަސޭހަ ކަމަށާއި ގަހަނާ ފިހާރައިން ވައްކަން ކުރީ އަނބިމީހާގެ ދުއްޕާން ކުރުންތަކުން ސަލާމަތްވެގެން ސުލްހަވެރިކަމާއި ހިތްހަމަޖެހުމާއެކު ޖަލުގެ ގޮޅިއެއްގައި ދުވަސްތައް ހޭދަކުރުމުގެ މަގުސަދުގައި ކަމަށެވެ. ގެއަށްވުރެ ޖަލުގެ ދިރިއުޅުންވެސް ހިތަށް ފަސޭހަ ކަމުގައެވެ.

އުމުރުން 40 އަހަރުވީ ސުފަން އިންސަވާންގް އަތުލައިގަތީ ނޮންތަބުރީގެ ގަހަނާ ފިހާރަޔަކުން ހާރެއް ވަގަށް ނަގައިގެން ފިލުމަށްޓަކައި ދުވަނިކޮށެވެ. ފިހާރައިގެ މުވައްޒަފުން ވަގެކޭ ވަގެކޭ ގޮވަން ފެށީމާ އޭނާ އަތުލައިގަތުމުގައި އެހީތެރިވެދިނީ އެވަގުތު ފިހާރައިގައި ތިބި ކަސްޓަމަރުންގެ ތެރެއިން ފުލުސް އޮފިސަރެކެވެ.

ސުފަން އިންސަވާންގްއަކީ ރޯޔަލް ތައި އެއާފޯސްގެ މާސްޓާ ސާޖެންޓެކެވެ. އޭނާ މިހާރު ވަނީ ވަޒީފާއިން ސަސްޕެންޑް ކޮށްފައެވެ. ފުލުހުންގެ ތަހުގީގުގައި އޭނާ ވަނީ ކުށަށް އިންކާރުނުކޮށް ވައްކަންކުރި ކަމަށް އެއްބަސްވެފައެވެ. މިކަމަކީ އަބަދުވެސް އަނބިމީހާއާ އަރާރުންވާންޖެހޭތީ ޖަލުގެ ގޮޅިއެއްގައި އޮތުމަށް އެދެވިގެންކުރި ވައްކަމެއް ކަމަށްވެސް ބުންޏެވެ.