ދުނިޔެ

ތުރުކީ އާއި ސީރިޔާގެ ބިންހެލުމުގެ ގެއްލުން ބޮޑުވުމުގެ ސަބަބުތައް

އިމާދު ލަތީފު

ހުސްވި ހަފުތާގައި އައި ވަރުގަދަ ބިނަހެލުންތަކާ ގުޅިގެން ތުރުކީ އާއި ސީރިޔާ އެވަނީ ވަރަށް ބޮޑަށް ގުޑައި ވަރަށް ބޮޑަށް ވީރާނާވެފައެވެ. އެތައްހާސް އިމާރާތެއް ބިމާ ހަމަވެ، އެތައްހާސް ބަޔަކު ވަނީ މަރުވެފައެވެ. މިއީ އާދައިގެ ހެލުންތަކެއް ނޫނެވެ. ހުރިހާ ގޮތަކުންވެސް ބިރުވެރި، ވަރުގަދަ ހެލުންތަކެކެވެ. މިހިސާބަކީ ކުރިންވެސް ވަރުގަދަ ހެލުންތަކެއް އައިސްފައިވާ ސަރަހައްދެކެވެ. މިފަހަރު އައީ އެއް ދުވަހެއްގެ ތެރޭގައި ދާދި އެއްވަރެއްގެ ވަރުގަދަ ދެ ހެލުމެވެ. އެންމެ ފުރަތަމަ ފަތިހުގެ ވަގުތުގައި ރިކްޓަރ މިންގަނޑުން 7.8 ގެ ބާރުމިނުގައެވެ. ދެން ދުވާލުގެ ވަގުތު ހަމަ އެހިސާބަށް ރިކްޓަރ މިންގަނޑުން 7.6 ގެ ބާރުމިނުގައެވެ. މި ހެލުންތަކުގެ އަސްލު ހުރީ ދެގައުމުގެ ބޯޑަރު ސަރަހައްދުން ތުރުކީގެ ތެރޭގައެވެ.

މިހާ ގިނަ އިމާރާތްތައް ބިމާހަމަވެ، މިހާ ގިނަ ބަޔަކު މަރުވުމުގައި ތިން ހަތަރު ސަބަބެއް އެބައޮތެވެ. ފުރަތަމަ ސަބަބަކީ މި ދެ ހެލުމުގެވެސް ވަރުގަދަކަމާއި ބާރެވެ. ދެވަނަ ސަބަބަކީ ފުރަތަމަ ހެލުން އައި ވަގުތެވެ. އެއީ ފަތިހެވެ. މީހުން ތަންމަތީގައި ނިދާފައި ތިބި ވަގުތެވެ. ތިންވަނަ ސަބަބަކީ އިމާރާތްތަކުގެ ފެންވަރު ދެރަވުމެވެ. ބިންހެލުންތައް އަންނަ ސަރަހައްދެއްގައި އުސް އިމާރާތްތައް ހުރުން ލާޒިމު ވަނީ ލޮޅުންތައް ތަހައްމަލް ކުރެވޭ ކޮލިޓީގައެވެ. އެކަމަކު ގިނަ އިމާރާތްތައް ހުރީ އެއަށްވުރެ މާދެރަވަރުކޮށެވެ. ހަތަރުވަނަ ސަބަބަކީ ބިންހެލުމުގެ އަސްލު ތިލަވުމެވެ. އާއްމުގޮތެއްގައި ބިންހެލުންތަކުގެ އަސްލު ހުންނަނީ ބިމުގެ އަޑިން ވަރަށް ފުނުގައެވެ. އެކަމަކު މިފަހަރުގެ ހެލުން އެއަށްވުރެ މާބޮޑަށްވެސް ތިލައެވެ. އެހެންވީމާ ބިންގަނޑު ގުޑުންވެސް ބޮޑުވީއެވެ.

މަރުވި އެންމެންނަކީވެސް އިމާރާތްތަކުގެ ދަށުވި މީހުންނެވެ. މިހާތަނަށް އަންދާޒާ ކުރެވިފައިވާ ގޮތުން ދިހަވަރަކަށްހާސް އިމާރާތް ފުނޑުފުނޑުވިއެވެ. އޭގެ ތެރޭގައި އެތައްހާސް އަހަރެއް ވެފައިވާ އާސާރީ ތަންތަނާއި ބޮޑެތި އުސް ހޮޓާހޮޓަލާއި ހަސްފަތާލުތައްވެސް ހިމެނެއެވެ. މިވަގުތު ގެއްލުންތައް ވަޒަންކުރުމުގެ ކަންކަން ބޮޑަށް އޮތީ މީހުން ދިރިއުޅޭ ތަންތަނުގައެވެ. މި ސަރަހައްދަކީ ބޮޑެތި ޑޭމްތަކެއްވެސް ގާއިމް ކުރެވިފައިވާ ސަރަހައްދެކެވެ. އެތަންތާގައި ކިތައް ރެނދުހުރި ކަމެއް، ލިބުނު ގެއްލުމެއް އަދި ސާފެއް ނޫނެވެ. ޑޭމެއް ފަޅައިގެން ދިޔުމަކީ މުޅި ހިސާބުގައި ފެންބޮޑުވެ އިތުރު ކާރިސާއެއް ތަމްސީލުވެގެން ހިނގައިދާނެ ކަމެކެވެ. އެހެންވީމާ ޑޭމްތަކުގެ ހާލަތު ވީހާވެސް އަވަހަށް ބަލައި މަރާމާތަށް އިސްކަން ދިނުމަށް ތަޖުރިބާކާރުން ވަނީ އިލްތިމާސްކޮށްފައެވެ.

ބިންހެލުމުގެ ސަބަބުން ގާތްގަނޑަކަށް ސާޅީހަކަށް މިލިޔަން މީހުން ހާލުގައި ޖެހިފައިވާ ކަމަށް ނުވަތަ އަސަރުކޮށްފައިވާ ކަމަށް ބެލެވެއެވެ. ތުރުކީގައި އެންމެ ބޮޑަށް އަސަރުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު އެއީ ވަރަށް ބައިބޯ ސަރަހައްދުތަކެކެވެ. ހާއްސަގޮތެއްގައި އެއީ 1950 ގެ އަހަރުތަކާއި 1960 ގެ އަހަރުތަކުގައި ރަށްފުށުގެ އެކި ތަންތަނުން މީހުން ހިޖުރަކުރުން ގިނަ ހިސާބެކެވެ. ގިނަ އިމާރާތްތައް ހެދިފައިހުރީވެސް ނުހަނު ފަރުވާ ކުޑަގޮތަކަށް ނުހަނު ދަށް ފެންވަރެއްގައެވެ. މިޒަމާނުގެ ބިލްޑިން ކޯޑުތަކަށް ފައްތައިގެން ގުޑުންތައް ތަހައްމަލް ކުރެވޭ ފެންވަރަށް ހެދިފައި ހުންނަނީ ދާދި މަދު އިމާރާތެކެވެ. ރަސްމީ އިދާރާތަކުގެ ބެލުންތައްވެސް ކުޑައީއެވެ. އަނެއްކޮޅުން ސީރިޔާގައި ބިންހެލުމުގެ އަސަރުފޯރި ހިސާބަކީ ކުރީއްސުރެވެސް ހަނގުރާމައިގެ ސަބަބުން ފުނޑުފުނޑުވެފައިވާ ހިސާބެކެވެ.

އިމާރާތްކުރުމާއި ގެދޮރު ހެދުމުގައި އެންމެ ހަރުކަށި ގަވާއިދުތަކާއި އުސޫލުތައް ހެދިފައި ހުންނަނީ ބިންހެލުމުގެ ނުރައްކާ އެންމެ ބޮޑު ގައުމުތަކުގައެވެ. ޖަޕާނާއި ޗައިނާ އާއި އިންޑޮނީޝިޔާގައެވެ. އީރާނާއި ތުރުކީ އާއި ގްރީސް އަދި އިޓަލީގައެވެ. އެމެރިކާގައެވެ. ގަވާއިދުތައް ކިތަންމެ މޮޅަސް ގަވާއިދުތަކަށް ތަބާވުން ކުޑަވެފައި މޮނިޓަރ ކުރުން ކުޑަކަމަށްވަނީވިއްޔާ އެކަމުން ކުރާނެ މަންފާއެއް ނޯންނާނެތާއެވެ. މިކަން ތުރުކީ އާއި އީރާނުން ދޭތެރެ ދޭތެރެއިން ފެނެއެވެ. މިފަހަރުވެސް ތުރުކީއަށް ލިބުނު އެއް ފިލާވަޅަކީ ގަވާއިދުތައް ތަންފީޒު ނުކުރެވުނީމާ ލިބޭނޭ ގެއްލުންތަކެވެ. ދޭތެރެ ދޭތެރެއިން އިސްލާހުކުރެވި ހަރުކަށި ކުރެވިފައިވާ ގައުމީ ބިލްޑިން ކޯޑެއް އޮވެއެވެ. މޮނިޓަރކޮށް ބަލައި ވަގުތުން ވަގުތަށް ފިޔަވަޅު އަޅަން އިދާރާތަކުގެ މައްޗަށް ލާޒިމުވެސް ކުރެއެވެ. އެކަމަކު އެކަމެއް ނުކުރެވެއެވެ.

ތުރުކީގެ ސަރުކާރުން މިހާރު ވަނީ އިމަޖެންސީ އިއުލާންކޮށް ބައިނަލްއަގުވާމީ އެހީތެރިކަމަށް އެދިފައެވެ. ސީރިޔާއިންވެސް ވަނީ ހަމައެގޮތަށް އެހީއަށް އެދިފައެވެ. އެކަމަކު ތުރުކީ އާއި ސީރިޔާގެ ކަންކަން ވަރަށް ތަފާތެވެ. ސީރިޔާއަކީ ދާޚިލީ ހަނގުރާމައެއްގެ ތެރޭގައި އަނދަމުން އަޅިޔަށްވަމުންދާ ގައުމެކެވެ. ބިންހެލުމުގެ އަސަރުކުރި ހިސާބުގެ ބައެއް ސަރަހައްދުތަކަށް ސީރިޔާ ސަރުކާރުގެ ބާރެއްވެސް ނުފޯރައެވެ. އެތަންތަނުގައި ބާރު ހިންގަނީ ހަނގުރާމަވެރި އެކި ޖަމާއަތްތަކުންނެވެ. އެހެންވީމާ ސީރިޔާއަށް ތަކެއްޗާއި މީހުން ފޮނުވައިގެން އެހީތެރިކަމުގެ ހަރަކާތް ހިންގުމަކީ އެއްވެސް ބަޔަކަށް ފަސޭހަނުވާނޭ ކަމެކެވެ. ވަކިން ބޮޑަށް އެއީ ޔޫރަޕާއި އެމެރިކާއިން އެހާބޮޑަށް ޝާމިލްނުވާނޭ ކަމެކެވެ. ސީރިޔާ އާރާސްތުކުރަން ނުރުހެވޭތީއެވެ.