ދުނިޔެ

ބަޑީގެ ހަމަލާއަށްފަހު ކްރައިސްޗާޗުގައި ބޮޑު ޖަމާއަތެއްގައި ހުކުރު ނަމާދުކޮށްފި

އަހުމަދު ޖައިޝަން

ނިއުޒީލެންޑްގެ ކްރައިސްޗާޗުގެ މިސްކިތުގައި ހުކުރު ނަމާދުކުރަން ތިއްބާ ބަޑީގެ ހަމަލާ ދީ އެތައް ބަޔަކު މަރާލި ހާދިސާއަށްފަހު ފުރަތަމަ ހުކުރު ބޮޑު ޖަމާއަތެއްގައި ކޮށްފިއެވެ.

އެ ހާދިސާއަށްފަހު އައި ފުރަތަމަ ހުކުރު ނަމާދު މިއަދު ކޮށްފައިވަނީ އަލް ނޫރު މިސްކިތުގެ ކައިރީގައިވާ ހަލްގޭ ޕާކުގައެވެ.

ޓެރަރިސްޓް ހަމަލާއެއް ދިނުމުގެ ސަބަބުން 50 މީހުން މަރުވި ހާދިސާއަށްފަހު އައި ފުރަތަމަ ހުކުރު ނަމާދު މިއަދު ބޮޑު ޖަމާއަތުގައި ކޮށްފައިވާއިރު ހުކުރު ނަމާދު ވަނީ ނިއުޒީލެންޑްގެ ގައުމީ ޓީވީންނާއި ރޭޑިއޯއިން ވަގުތުން ގެނެސްދީފައެވެ.

އެކި ކަންކޮޅުތަކުން އެތައް ބައެއް އެ ޖަމާއަތުގައި ބައިވެރިވެފައިވާއިރު އެ ޖަމާއަތަށް މުސްލިމުންގެ އިތުރުން އެތައް ބަޔަކުވެސް ވަނީ ގޮސްފައެވެ. އެގޮތުން އެގައުމުގެ ބޮޑު ވަޒީރު ޖަސިންޑާ އާޑާން ވެސް ވަނީ ޖަމާއަތުގައި ބައިވެރިވެވަޑައިންނަވާފައެވެ.

މުސްލިމުންތައް މަރާލި އަމަލާ ގުޅިގެން މުޅި ގައުމު ވަނީ ސްކޫތުގައި ބައިވެރިވެފައެވެ.

އާޑާން ވިދާޅުވީ ހުރިހާ މުސްލިމުންގެ ހިތާމައިގައި ނިއުޒީލެންޑް ބައިވެރިވާކަމަށާއި އެންމެނަކީ އެއްބައެއް ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު އަލް ނޫރު މިސްކިތުގައި މުސްލިމުން ނަމާދުކުރަން ތިއްބާ ޓެރަރިސްޓަކު ދިން ހަމަލާއެއްގައި އެ މިސްކިތުގައި ތިބި 42 މީހަކު ވަނީ މަރުވެފައެވެ. އަދި އެ މިސްކިތުގެ ކައިރީގައި ހުންނަ ލިންވުޑް މިސްކިތުގައި ތިބި އަށް މީހަކުވެސް ވަނީ އެ ހަމަލާގައި މަރުވެފައެވެ.