ދިވެހިރާއްޖޭގައި ލިބެން ހުންނަ ބޭހުގެ ފެންވަރު ކަށަވަރުކުރުމަށް ހެލްތު މިނިސްޓްރީ އާއި ސިންގަޕޫރުގެ ކުންފުންޏަކާ އެކު އެއްބަސް ވުމުގައި ސޮއިކޮށްފިއެވެ.
ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގައި ދިވެހިރާއްޖޭގައި ލިބެން ހުންނަ ބޭހުގެ ފެންވަރު ކަށަވަރު ކުރުން ހިމެނެއެވެ.
ދިވެހިރާއްޖޭގެ ނެޝަނަލް ހެލްތު ލެބޯޓަރީން ހަދަން ބޭނުންވާ ޓެސްޓުތައް ހެދުމުގައި އެހީތެރިކަން ހޯދުމުގެ ގޮތުން ސިންގަޕޫރުގެ ''TÜV SÜD PSB Pte. Ltd" ކުންފުނީގެ ފަރާތުން އެހީތެރިކަން ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.
މި ފަހުމުނާމާއަކީ ރާއްޖޭ ގައި ލިބެން ހުންނަ ބޭހަކީ ފެންވަރު ރަނގަޅު، ދުނިޔޭގެ ފެންވަރުގެ އިތުބާރު ލިބިފައިވާ ބޭސް ކަމުގައި ހެދުމުގެ ގޮތުން ފުޑް އެންޑް ޑްރަގްސް އޮތޯރިޓީގެ އުސޫލުތައް ހަރުދަނާކޮށް ރާއްޖެ އެތެރެކުރާ ބޭސް މޮނިޓަރކުރުމަށް މިސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ފުރިހަމަކުރުމަށް ވެފައިވާ ވައުދު ހާސިލް ކުރުމަށް ސޮއިކުރެވިފައިވާ ފަހުމުނާމާއެއް ކަމަށްވެސް ބުނެފައިވެއެވެ.
މިފަހުމުނާމާގެ ދަށުން ބޭހުގެ އިތުރުން ކާބޯތަކެތީގައި ޕެސްޓިސައިޑް ހުންނަ މިންވަރު ބެލުމަށް ޓެސްޓު ހެދުމަށްވެސް ފަސޭހަވެގެންދާނެ ކަމަށާއި އެ ކުންފުންޏަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މިންގަނޑުތަކަށް ފެތޭ 1000 އަށް ވުރެ ގިނަ ތަނުގައި ލެބޯޓަރީގެ ޚިދުމަތްދޭ ތަޖްރިބާކާރު ކުންފުންޏެއް ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.
މި ފަހުމުނާމާގެ ސަބަބުން ނެޝަނަލް ހެލްތު ލެބޯޓަރީއިން ކުރެވޭ މަސައްކަތް އިތުރަށް ފުޅާވެ، ނެޝަނަލް ހެލްތު ލެބޯޓަރީއިން ހެދެން ނުހުންނަ ޓެސްޓްތައް ހެދުމަށް ވަރަށް ބޮޑެތި ފަސޭހަ ތަކެއް ލިބިގެންދާނެއެވެ.