ޚަބަރު

ނުވަ ރަށެއްގައި ސިއްހީ ހިދުމަތްދޭ މަރުކަޒުތައް ހަދަން 628 މިލިއަން ރުފިޔާއަށް ހަވާލުކޮށްފި

ފާތިމަތު ލިޔުޝާ

ނުވަ ރަށެއްގައި ސިއްހީ ހިދުމަތް ދޭ މަރުކަޒުތައް ހަދަން ސަރުކާރުގެ ތިން ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ހެލްތް މިނިސްޓްރީގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި 628 މިލިއަން ރުފިޔާއަށް އެ މަޝްރޫއުތައް ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އަދި ފެނަކަ ކޯޕަރޭޝަނާއެވެ.

އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއުތައް:

  • ނ. ފޮއްދޫ ސިއްހީ މަރުކަޒު: 26.8 މިލިއަން ރުފިޔާ
  • ށ. މާއުނގޫދޫ ސިއްހީ މަރުކަޒު: 27 މިލިއަން ރުފިޔާ
  • ވ. ފެލިދޫ ހޮސްޕިޓަލް: 105 މިލިއަން ރުފިޔާ
  • ތ. ވިލުފުށި ހޮސްޕިޓަލް: 105 މިލިއަން ރުފިޔާ

އެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ. ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް އަބްދުﷲ އެވެ.

އާރުޑީސީއާ ހަވާލުކުރި މަޝްރޫއުތައް:

  • ކ. ގާފަރު ސިއްހީ މަރުކަޒު: 26.8 މިލިއަން ރުފިޔާ
  • ހދ. ކުޅުދުއްފުށީ ސިޓީގެ ދަމަނަވެށި: 23 މިލިއަން ރުފިޔާ
  • ހދ. ހަނިމާދޫ ހޮސްޕިޓަލް: 104.8 މިލިއަން ރުފިޔާ
  • އދ. މާމިގިލީ ހޮސްޕިޓަލް: 105 މިލިއަން ރުފިޔާ

އެ މަޝްރޫއުތަކުގެ އެއްބަސްވުމުގައި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ ޒުހެއިރެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް ޝަރީފެވެ.

ފެނަކައާ ހަވާލުކުރީ ހދ. މަކުނުދޫ ސިއްހީ މަރުކަޒު އިމާރާތް ކުރުމުގެ މަޝްރޫއު އެކަންޏެވެ. އެ މަޝްރޫއުގެ އަގަކީ 104 މިލިއަން ރުފިޔާއެވެ.

އެ އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމެވެ.