ގާނޫނީ ވަކީލު އަދި ތުޅާދޫ ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު ހިސާން ހުސައިންގެ މައްޗަށް ކުރާ ކުޑަކުދިންތަކަކަށް އަނިޔާކުރި ކަމަށް ބުނެ ބަޔަކުކުރާ ތުހުމަތުގައި ހަގީގަތެއް ނެތް ކަމަށް ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.
ސުއޫދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހިސާންއަކީ ވަރަށް ކުރިންސުރެ އޭނާ ދަންނަ އިންސާފަށް ލޯބިކުރާ، އުސޫލުތަކުގައި ހިފަހައްޓައި އަދި މީހުންނަށް އިހުތިރާމްކުރާ ވަކީލެއް ކަމަށެވެ.
ސުއޫދު ވިދާޅުވީ ހިސާންގެ އަގުވައްޓައިލައި އިންތިހާބީ ހައްގަށް ހުރަސްއެޅުމަށް ބަޔަކު އުފުލާފައިވާ ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.
ސުއޫދު މިފަދައިން ޓުވީޓު ކުރައްވާފައި ވަނީ ތުޅާދޫގައި ހިސާންގެ ގެއަށް ކިޔަވަންދިޔަ ކުދިންތަކަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައިވަނިކޮށެވެ.
ތުޅާދޫ އަނަސް ކިޔާ މީހަކު ރައީސުލްޖުމްހޫރިއްޔާ އަށް ފޮނުއްވި ސިޓީގެ އިތުރުން ސޯޝަލް މީޑިއާގައި އާންމުކުރި ސިޓީއެއްގައި ބުނެފައިވަނީ އޭނާ ކުޑައިރު އޭނާ އަށާއި އަދި އެހެން ކުދިންތަކަކަށް ހިސާން އަނިޔާކުރި ކަމަށެވެ.
އޭނާ އެގޮތަށް ސިޓީއެއް ފޮނުވީ އެމްޑިޕީގެ ޓިކެޓްގައި ތިނަދޫ އުތުރު ދާއިރާއަށް ވާދަކުރައްވައި އަބްދުލްމުޣުނީގެ މައްޗަށް ކުރި ގެވެށި އަނިޔާގެ ތުހުމަތަކާ ގުޅިގެން މުޣުނީގެ މައްޗަށް ކުރި ތާއީދު އެމްޑީޕީން އަނބުރާ ގެންދިއުމުން، ހަމަހަމަ ކަމާއި އިންސާފުން ކަންކަން ކުރަންޖެހޭނެ ކަމަށް ބުނެއެވެ.