ޝަހީދާ އަބްދުﷲ ސައީދު
ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ 1500 އަށްވުރެ ގިނަ ރައްޔިތުން ތިބި ހދ. ކުޅުދުއްފުށިން 120 ގޯތި ދޫކުރަން ސަރުކާރުން ކައުންސިލަށް އެންގުމާއި ގުޅިގެން، ރައްޔިތުންގެ ތެރެއިން 500 އަށްވުރެ ގިނަ މީހުން ސޮއިކޮށްފައިވާ ޕެޓިޝަނެއް ރަށު ކައުންސިލަށް ހުށަހަޅައިފިއެވެ.
''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ކައުންސިލުގެ ރައީސް އަބްދުއްލަތީފު ހަސަން މިއަދު ވިދާޅުވީ ކުޅުދުއްފުށީ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި އެކަން ހައްލުކޮށްދިނުމަށް ސަރުކާރުގައި އެދެމުންދާތާ ވަރަށް ދުވަސްވެއްޖެ ކަމަށެވެ.
ނަމަވެސް އެކަމަށް ހައްލެއް ނުލިބި ރައްޔިތުން ކަންބޮޑުވެފައި ވަނިކޮށް ކުއްލި އަކަށް 120 ގޯތި ދޫކުރަން ހުއްދަ ދިނުމުން ރައްޔިތުންގެ މެދުގައި ހިތްހަމަނުޖެހުންތަކެއް އެބަހުރި ކަމަށް ލަތީފު ވިދާޅުވިއެވެ.
ލަތީފު ވިދާޅުވީ 500 އަށްވުރެ ގިނަ މީހުންގެ ސޮޔާއެކު މިދިޔަ ހޯމަ ދުވަހު ކައުންސިލަށް ޕެޓިޝަނެއް ހުށަހަޅައިފައިވާކަމަށާއި ޕެޓިޝަންގެ ކޮޕީ ފޮނުވާ ފަރާތްތަކުގެ ތެރޭގައި ޕްލޭނިން މިނިސްޓްރީއާ ރައީސުލްޖުމްހޫރިއްޔާ ހިމެނޭ ކަމަށެވެ.
އޭނާ ވިދާޅުވީ ޕެޓިޝަންގެ ސަބަބުން ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ކައުންސިލުންވެސް ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރަމުންދާކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުޅުދުއްފުށީގައި ބޯހިޔާވަހިކަން ބޭނުންވާ 1500 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ. ދިހަ ހާހަށްވުރެ ބޮޑު އާބާދީއެއް އޮތް ކުޅުދުއްފުށީގައި ގޯތި ދޫކުރާނެ ބިން އޮތްކަމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅި ޕެޓިޝަނުގައި ވަނީ ބުނެފައެވެ.
އެގޮތުން ޕެޓިޝަންގައި ބުނެފައިވަނީ ކުޅުދުއްފުށީގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް އަންނާނެ ގޮތަށް އެކަން ކުރެވޭނެ ފުރުސަތު އެބަ އޮތް ކަމަށެވެ. އެގޮތުން 1.7 ހެކްޓަރުގެ ބިމުގެ ސާވޭކޮށްފައިވާއިރު ސާވޭ ނުކުރާ ބޮޑުބައެއް އަދިވެސް އޮތްކަމަށް ފާހަގަކޮށްފައިވެ އެވެ.
އެހެންވެ އެ ސަރަހައްދުތައް ސާވޭކޮށް ގެވަޅުގެ ސައިޒު ބާރަ ސަތޭކަ އަކަފޫޓަށް ކުޑަކޮށްގެން ވިޔަސް ހައްލު ހޯދައިދިނުމަށް ވަނީ އެދިފައެވެ.
ކުޅުދުއްފުށިން އެންމެ ފަހުން ގެވަޅު ދޫކޮށްފައިވަނީ 2007 ވަނަ އަހަރު އެވެ. އޭގެ ގެވަޅު ދޫކޮށްފައެއް ނުވެ އެވެ. ނިމި ދިޔަ ރިޔާސީ އިންތިހާބު ބޯމަތިވެފައިވަނިކޮށް ކުޅުދުއްފުށިން 80 ގޯތިދޫކުރަން ސަރުކާރުން އިއުލާންކުރި އެވެ. އޭގެ ފަހުން 120 ގޯތި ދޫކުރަން ވެސް ކައުންސިލަށް ހުއްދަ ދިނެވެ. ނަމަވެސް 120 ގޯއްޗަށް ކައުންސިލުން އަދި ހުޅުވާލާފައެއް ނުވެ އެވެ.
80 ގޯތި ދޫކުރުމަށް ފުރުސަތު ހުޅުވައިލުމުން، ގޯއްޗަށް 1300އަށް ވުރެ ގިނަ ރައްޔިތުން އޭރުވަނީ ފޯމު ހުށަހަޅައިފައެވެ.
ކުޅުދުއްފުށިން ގޯތި ދޫނުކުރާތާ މިހާރު އެގާރަ އަހަރުވެއްޖެއެވެ. ދިހަ ހާހަށްވުރެ ބޮޑު އާބާދީ އެއް އޮތް ކުޅުދުއްފުށީ ގައި ގޯތި ދޫކުރާނެ ބިން އޮތްކަމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅި ޕެޓިޝަނުގައި ވަނީ ބުނެފައެވެ.