ކޯސްޓްގާޑް

އިންޖީނު ހުއްޓުނު ދޯންޏަކަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި

މުހައްމަދު އައުޒަމް

ދަތުރުކުރަމުން ދިޔަ "ހުދަންބަރު 12" ނަމަކަށް ކިޔާ މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއްގެ އިންޖީނު ހުއްޓުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ހދ. މަކުނުދޫ ހުޅަނގު އުތުރުން 83 މޭލު ބޭރުން މި ދޯނީގެ އިންޖީނު ހުއްޓިފައިވަނީ ދަތުރުކުރަމުން ދަނިކޮށް ދޯނީގެ އެއް ބެޓެރި އަނދައި ބެޓެރި ސެޓް ފެއިލް ވުމާ ގުޅިގެން ކަމަށް އެމްއެންޑީއެފް އިން ހާމަކުރިއެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިއަދު ހެނދުނު 7:50 ހާއިރުއެވެ. އަދި، އިންޖީނު ހުއްޓުނު ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެމްއެންޑީއެފް ނޮދަން އޭރިއާގައި ގާއިމްކޮށްފައި އޮންނަ އެމްއެންޑީއެފް ކޯސްޓްގާޑް ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ފާމުލަދޭރި"، ވަނީ ޅ. ހިންނަވަރުން ފުރައިގެން ހދ. މަކުނުދުއަށް ގޮސް، ދޯނީގެ ވެރިފަރާތުން ހަވާލުކުރި ބެޓެރިއެއް ހިފައިގެން މިއަދު ހަވީރު 4:50 ހާއިރު ފުރައިގެން އެ ދޯނި އޮތް ސަރަހައްދަށް ގޮސްފައެވެ.

"ފާމުލަދޭރި" ލޯންޗަށް އެ ދޯނި އޮތް ސަރަޙައްދަށް ދެވިފައިވަނީ މިރޭ 7:00 ހާއިރުއެވެ. އަދި ކޯސްޓްގާޑުގެ ސިފައިންގެ އެހީތެރިކަމާއެކު އެ ދޯނީގެ އިންޖީނު ރަނގަޅުކޮށް، މިރޭ 8:00 ހާއިރު އެ ދޯނި ވަނީ އަލުން މަހަށް ފުރާފައެވެ.

ހާދިސާ ދިމާވިއިރު މި ދޯނީގައި 12 މީހުން ތިބިއިރު އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.