ނިމިގެން މިދާ 2024 ވަނަ އަހަރު ފުލުހުންނާއި އެމްއެންޑީއެފްގެ އޮޕަރޭޝަނެއްގައި ވަނީ ރެކޯޑު އަދަދަކަށް މަސްތުވާތަކެތި އަތުލައިގެންފައެވެ. ގަވާއިދާ ހިލާފަށް ރާއްޖެއަށް ވަދެ އުޅުނު ލަންކާ ބޯޓަކުން 468 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވަނީ ނޮވެމްބަރު 24 ގައެވެ.
އެމްއެންޑީއެފަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ހދ. މަކުނުދޫ ބޭރުން އަތުލައިގަތް "އަށެންކުތަ" ނަމަކަށް ކިޔާ އެ ބޯޓުގައި ހުރި މަސްތުވާތަކެތީގެ މަގުމަތީ އަގު އެއް ބިލިއަން ރުފިޔާއަށް އަރައެވެ.
ފުލުހުން އެ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވެފައިވަނީ އެ ބޯޓުގައި ތިބީ ފަސް ފިރިހެނުން ކަމަށާއި އެންމެންނަކީ ވެސް ލަންކާ މީހުން ކަމަށެވެ.
ކޯސްޓުގާޑާއި ފުލުހުންގެ ބެލުމުގެ ދަށުން އެ ދުވަހު ހެނދުނު އެ ބޯޓު ކުޅުދުއްފުށި ބަނދަރަށް ގެންގޮސް ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި އެގޮތުން ބޯޓުން ފެނުނު މަސްތުވާތަކެތީގެ ޕްރިލިމިނަރީ ޓެސްޓު ނަތީޖާތަކުން ދައްކާ ގޮތުގައި އޭގެ ތެރޭގައި ހުރީ 344 ކިލޯގެ ކްރިސްޓަލް މެތާއި 124 ކިލޯގެ ކޮކެއިން ކަމަށް ޝުޖާއު ވިދާޅުވެފައިވެއެވެ.
"އެމްއެންޑީއެފްގެ ކޯސްޓު ގާޑުގެ ބޭފުޅުންނާ އެކު، ކުޅުދުއްފުށީ ސިޓީ ޕޮލިސްގެ ފުލުހުން މި އުޅަނދު ބަލައި ފާސްކުރުމުން ޖުމުލަ 468.6 ކިލޯގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ވަނީ ފެނިފައި،" ޝުޖާއު ވިދާޅުވެފައިވެއެވެ.
އެ ބޯޓުގައި ލަންކާއަށް ނިސްބަތްވާ ފަސް ފިރިހެނުން ތިބި އިރު، ފުލުހުން ވަނީ އެމީހުންގެ ވަނަވަރު އާންމުކޮށްފައެވެ. އެގޮތުން އެ ބޯޓުގައި ތިބީ ރާޖްޕަކްޝަ ގެމަގޭ ދެނޫޝަ މަޑުމަލް (21އ)، މުއްތިމާ ޕަޓަބިންދިގޭ އަމިޝްކް ސަންޖީވަ ކުމާރަ (22އ)، ޗަމޮދް ދިވަންގާ ދިލަކާވަ (22އ)، ލޮރެންސު ހެވާގީ ސަރަތު (56އ) އަދި ވިޖޭވީރަ ގުނަރަތުނާ މަހާވިދޯމަ (37އ) އެވެ. އެމީހުން އަދިވެސް ތިބީ ފުލުހުންގެ ބަންދުގައެވެ.
އެކަން ފާހަގަކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ ދުވަހު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ތަންފީޒީ މުއައްސަސާތަކުން އެ ދާއިރާއިން ކުރަމުން އަންނަ ބުރަ މަސައްކަތް ފާހަގަކުރައްވައި އެ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.
"ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުން ވަނީ 468.6 ކިލޯގްރާމުގެ މަސްތުވާތަކެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގެންފައި. މި ތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަށް އެއް ބިލިއަން ދިވެހި ރުފިޔާ. ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަކީ އަޅުގަނޑުމެން އެންމެ އިސްކަންދޭ އެއް ކަންތައް،" އެ މަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުން އަންނަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސްތުވާތަކެތި އަތުލައިގަތުމާއި ޑްރަގު ކެފޭތައް ހޯދައި، އެތަންތަން ބަންދުކުރުމަށް ވަނީ މަސައްކަތްތަކެއް ކޮށްފައެވެ.
ޑިސެމްބަރުގެ ކުރީކޮޅު އއ. ރަސްދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވެފައިވަނީ، އަހަރެއްހައި ދުވަހުގެ ތެރޭގައި 153 ބިދޭސީން ޑުރަގާއެކު ހައްޔަރުކޮށް ޑީޕޯޓްކޮށްލާފައިވާ ކަމަށާއި އެއީ 2023 ވަނަ އަހަރަށްވުރެ ދެ ގުނަ އިތުރު އަދަދެއް ކަމަށެވެ. އަދި ފުލުހުންގެ ތެރޭގައި ޑުރަގުގެ މައްސަލަތަކަށް ހިތްވަރު ދޭ ނުވަތަ ކޮމްޕްރޮމައިޒްވެފައި ތިބި މީހުން މިހާރު ނުތިބޭނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި 655 ކިލޯގެ ޑްރަގް ނައްތާލާފައިވާ ކަމަށާއި މަގުމަތީގެ އަގަށް ބަލާއިރު އެއީ 1.3 ބިލިއަން ރުފިޔާގެ ޑުރަގް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޑުރަގުގެ ވިޔަފާރި ކުރާ 13،000 އަށްވުރެ ގިނަ ތަންތަން ބަލައިފާސްކޮށްފައިވާނެ ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.
މިދިޔަ ނޮވެމްބަރު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ނާހިދު ހުސެއިން ވިދާޅުވެފައިވާ ގޮތުގައި، މާލޭގެ އެކި ހިސާބުތަކުގައި ޑްރަގް ކެފޭގެ ގޮތުގައި ބޭނުންކުރަމުންދިޔަ 48 އަށްވުރެ ގިނަ ތަންތަން ވަނީ ބަންދުކޮށްފައެވެ. ޑްރަގް ކެފޭ ހިންގާ ކަމަށް ފުލުހުންނަށް ތުހުމަތުކުރެވޭ ތަންތަނުގައި ޑިއުޓީ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ޑްރަގުގެ 683 މައްސަލައެއްގެ ތެރެއިން 345 މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނޭ ޑްރަގް ޓްރެފިކިންގެ 19 މައްސަލައެއް ސާބިތުވާ ކަމަށް ކޯޓުން ހުކުމްކޮށްފައިވާ ކަމަށް ވެސް ނާހިދު ވިދާޅުވެފައިވެއެވެ.
ނާހިދު ވިދާޅުވެފައިވާ ގޮތުގައި އެކި ހިސާބުތަކުގައި ފުލުހުން ހިންގި އެންޓި ޑްރަގްސް އޮޕަރޭޝަންތަކުގައި 183 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަދި 8400 އަށްވުރެ ގިނަ ބަނގުރާ ފުޅި ވަނީ އަތުލައިގެންފައެވެ. އެއީ މަގުމަތީ އަގުން ބަލާނަމަ 385 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ސަރުކާރުން ވަނީ، އަދަބުތައް އިތުރަށް ހަރުކަށިކޮށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހަޅަން ފޮނުވައިފައެވެ.
ސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު މަޖިލީހަށް ހުށަހަޅުއްވަން ހަމަޖެހިފައިވާ އެ ބިލުގެ ފުރަތަމަ ކިޔުން، ޑިސެމްބަރު ދެވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވައިފައެވެ. އެ ބިލުގައި އަދަބުތައް ހަރުކަށި ކުރުމުގެ އިތުރުން ދައުލަތުގެ އިދާރާތަކަށް އިތުރު ބާރުތައް ވެސް ވަނީ ދީފައެވެ. ބިލު ހުށަހަޅާ ސަބަބުގެ ގޮތުގައި ބުނެފައިވަނީ، މަސްތުވާތަކެއްޗާ ގުޅޭ ކުށްތައް އިތުރުވަމުންދާތީ އެކަން ހުއްޓުވުމަށްޓަކައި ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް އިތުރު ބާރު ދިނުމާއި މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުންނަށް ފަރުވާ ދެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމެވެ. އެ ބިލުން ހާސިލުކުރަން ބޭނުންވާ ހަތް ކަމެއް ބިލުގައި ވަނީ ފާހަގަކޮށްފައެވެ.
އެ ބިލުގައި 10 އަހަރާއި 20 އަހަރުދުވަހަށް ޖަލަށްލުމަށް ވަނީ އަދަބުތައް ހިމަނައިފައެވެ. އޭގެ އިތުރުން 10،000 ރުފިޔާ އިން ފެށިގެން 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމަށްވެސް ވަނީ ބިލުގައި ހިމަނައިފައެވެ.
މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމުގެ އިތުރުން ގޭންގު ކުށްތަކާ ދެކޮޅަށް ވެސް ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެ މައްސަލަތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ގެނައުމަށް ވެސް ގާނޫނަށް ބަދަލު ގެނައުމަށް މަޖިލީހަށް ވަނީ ބިލެއް ފޮނުވައިފައެވެ.