އިސްލާމިކް މިނިސްޓްރީ

ކީރިތި ގުރުއާނުގެ އާޔަތްތައް ނުބައިކޮށް ލިޔެގެން ނެރުނު ފޮތް ވިއްކުން މަނާކުރިން: ޑރ ޒިޔާދު

ޝަހީދާ އަބްދުﷲ ސައީދު

ކީރިތި ގުރުއާނުގެ ބައެއް އާޔަތްތައް ނުބައިކޮށް ލިޔެގެން ޗާޕުކޮށް ވިއްކަމުންދިޔަ ފޮތް ވިއްކުން ކުރީގެ ސަރުކާރުންވެސް މަނާކޮށްފައިވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވެއްޖެއެވެ.

ޑރ. ޒިޔާދު މިހެން ވިދާޅުވީ "ކީރިތި ގުރުއާން ކިޔެވުމަށް އެހީއެއް، ދަރިވަރުންނަށް ހާއްސަ 5" ގެ ނަމުގައި ނެރެފައިވާ ފޮތް ބައެއް ބުކްޝޮޕްތަކުގައި ވިއްކަމުންދާ މައްސަލައިގައެވެ.

''ވަންއޮންލައިން"އަށް މައުލޫމާތު ދެއްވަމުން ޑރ. ޒިޔާދު މިއަދު ވިދާޅުވީ އެ ފޮތުގައި ބައެއް އާޔަތްތައް ނުބައިކޮށް ހުރިކަން އިސްލާމިކް މިނިސްޓްރީއަށް އެނގުމުން ފޮތް ވިއްކުން މަނާކޮށްފައިވާނެ ކަމަށެވެ.

އަދި ޚަތިމުގެ ވަކި ބައެއް ޗާޕުކޮށްގެން ބޭނުން ނުކުރުމަށް އަންގާފައިވާނެ ކަމަށް ވިދާޅުވިއެވެ.

ފޮތުގައި ހުރި ބައެއް އާޔަތްތައް ނުބައިކޮށް ހުރިކަން އާންމުންގެ ސަމާލުކަމަށް މިފަހަރު ގެނެސްފައިވަނީ ޑރ. މުހައްމަދު އިޔާޒެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފައިވަނީ އެ ފޮތް ނެރެފައިވަނީ އެ މިނިސްޓްރީގެ ހުއްދަ ނެތި ކަމަށެވެ. އިސްލާމްދީނުގެ އެއްވެސް މައުލޫމާތެއް ހިމެނޭ ފޮތެއް ރާއްޖޭގައި ނެރޭނަމަ ނުވަތަ ވިއްކާނަމަ އިސްލާމިކް މިނިސްޓްރީން ހާއްސަ ހުއްދައެއް ނަގަން ޖެހެއެވެ.