ހުސްނުއްސުއޫދު

މަރުގެ ބައެއް މައްސަލަތަކުގެ ތަހުގީގު ވަނީ ނިމިފައި، އާއިލާއާ ހިއްސާކުރާނަން: ސުއޫދު

ޝަހީދާ އަބްދުﷲ ސައީދު

މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ކޮމިޝަނުން ބަލަމުން އަންނަ މައްސަލަތަކުގެ ތެރެއިން ބައެއް މައްސަލަތަކުގެ ތަހުގީގު މިހާރު ނިމިފައިވާކަމަށް ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

''ވަންއޮންލައިން''އަށް މައުލޫމާތު ދެއްވަމުން ސުއޫދު މިއަދު ވިދާޅުވީ މަރުގެ ބައެއް މައްސަލަތައް މިހާރު ނިމިފައިވާ ކަމަށާއި އެ މައްސަލަތަކުގެ މައުލޫމާތު އެމީހެއްގެ އާއިލާއާ ހިއްސާކުރާނެ ކަމަށެވެ.

ސުއޫދު ވިދާޅުވީ މައްސަލައިގެ ތަހުގީގު ނިމުމުން ރިޕޯޓް އެކުލަވައިލުމަށްފަހު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވާނެ ކަމަށާއި އޭގެ ފަހުން ރިޕޯޓް އާންމުކުރާނެ ކަމަށެވެ.

އަދި ކޮމިޝަނުން ބަލަމުން އަންނަ މައްސަލަތައް ބެލުމަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވައި ސުއޫދު ވިދާޅުވީ ރިޔާސީ ކޮމިޝަނަށް ގާނޫނީ ބާރުތައް ހޯދުމަށް މަޖިލީހަށް ހުށަހަޅައިފައިވާ ބިލު ފާސް ނުވުމަކީ ކޮމިޝަންގެ މަސައްކަތަށް އެޅިފައިވާ އެންމެ ބޮޑު ހުރަސް ކަމަށެވެ.

އެކޮމިޝަނަށް ގާނޫނީ ބާރުތައް ހޯދުމަށް މަޖިލީހަށް ހުށަހެޅި ބިލު ފާސްވެފައި ނުވަނީ އެބިލަކީ ގާނޫނު އަސާސީއާ ޚިލާފު ބިލެއް ކަމަށް ބުނެއެވެ.

އަދި އެބިލު ފާސްވެއްޖެނަމަ ތަހުގީގު ކުރުމުގެ ބާރު ގާނޫނުން ލިބިދީފައިވާ މުއައްސަސާތަކުގެ ބާރު ކެނޑިގެންދާނެ ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ.