އެމްއެންޑީއެފް

މެޑަމް ލައިލާގެ ކުރީގެ ބޮޑީގާޑު ވަޒީފާއިން ވަކިކުރިމަކުގެ ބަދަލު ހޯދުމުގެ މައްސަލަ ކުރިއަށްގެންދަން ނިންމައިފި

އިބްރާހިމް ޒަކީ

2

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަނބިކަނބަލުން މެޑަމް ލައިލާ އަލީގެ ކުރީގެ ބޮޑީގާޑު ސ. ފޭދޫ އާސްތާނާ އަހުމަދު ފައްތާހު ވަޒީފާއިން ވަކިކޮށްފައިވަނީ، ގާނޫނުުއަސާސީއާއި ސިފައިންގެ ގާނޫނާއި ބައިނަލް އަގުވާމީ މުއާހަދާތަކާއި ސިފައިންގެ އެކި އެކި ގަވާއިދުތަކާ ހިލާފަށް ކަމަށްވާތީ، ބަދަލު ހޯދުމުގެ މައްސަލަ ސިވިލް ކޯޓުގައި ކުރިއަށް ގެންދަން ނިންމައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފައްތާހު މިމައްސަލަ ސިވިލްކޯޓުގައި ކުރިއަށް ގެންދަން ނިންމެވީ ކޯޓަށް މި މައްސަލަ ހުށަހެޅުމުން، ދެ ފަރާތުގައި ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރުމަށްދިން ފުރުސަތުގައި، ވަޒީފާއިން ވަކިކުރިތާ ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރުވެސް ހަމައެކަނި އެންއަހަރު ދުވަހުގެ މުސާރައިގެ ފައިސާ ފައްތާހަށްދޭން ދައުލަތުން ނިންމުމުންނެވެ.

ދައުލަތުގެ ފަތާތުން އެޓާނީޖެނެރަލް ނިންމެވީ އެންއަހަރު ދުވަހުގެ މުސާރައާއި ވަޒީފާދިނުމަށް ކަމަށްވާތީ ގާނޫނުގައިވާ ގޮތަށް ބަދަލު ލިބިދިނުމަށް މައްސަލަ ކުރިއަށްގެންދަން ފައްތާހު ނިންމީއެވެ.

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރު ވައްޓާލަން މަސައްކަތްތަކެއް ކުރިކަމުގެ ތުހުމަތުގައި 2016 ވަނަ އަހަރު ތަހުގީގަށް ހައްޔަރު ކުރި ސިފައިންގެ މީހުންގެ ތެރޭގައި، އޭރު އެމްއެންޑީއެފްގެ ކޯޕްރަލްގެ މަގާމުގައި ހުރި ފައްތާހު ހިމެނެއެވެ. ނަމަވެސް ތަހުގީގަށްފަހު ސިފައިންގެ ވަޒީފާއިން ވަކިކޮށް ފައްތާހު ވަނީ ދޫކޮށްލައިފައެވެ.

ފައްތާހު ކޯޓަށް މައްސަލަ ހުށަހެޅީ ހުރިހާ އިނާޔަތްތަކާއެކު ދެ އަހަރު ދުވަހުގެ މުސާރަ ހޯދުމަށާއި، އެމްއެންޑީއެފްގައި އޭރު އަދާކުރަމުންދިޔަ ވަޒީފާ އަލުން ހޯދުމަށެވެ.

ފައްތާހު ކޯޓަށް ހުށަހަޅާފައިވާ ދައުވާގައި ވަނީ އެމްއެންޑީއެފްގެ ކޯޕްރަލްގެ މަގާމުގެ ވަޒީފާ އަދާކުރަމުންދަނިކޮށް 18 އޯގަސްޓް 2016ގައި އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ، ގާނޫނުއަސާސީގެ 37 ވަނަ މާއްދާ އާއި، ސިފައިންގެ ގާނޫނާއި، މާނަ ކުރުމުގެ ހަމަތައް ބަޔާން ކުރުމުގެ ގާނޫނާއި، ސިފައިިންގެ އާއްމު ގަވާއިދާއި، ސިފައިންގެ އަހުލާގާއި ސުލޫކާ ހިލާފުވެފައިވާތީ ސިފައިން ކުރާ ކުށްތަކަށް އިދާރީ އަދަބު ދިނުމާބެހޭ ގަވާއިދާ ހިލާފަށް ކަމަށާއި، ޔުނިވާސަލް ޑިކްލަރޭޝަން އޮފް އިހުމަން ރައިޓްސް އާއި އިންޓަނޭޝަނަލް ކޮވަނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސްގެ މުއާހަދާގެ ދަށުން އެކަމަށް އިންސާފުވެރި ނިންމުމެއް ލިބުމުގެ ހައްގާގުޅޭ އުސޫލުތަކާ ހިލާފަށްކަމުގައި ކަނޑައަޅައި ދިނުމަށް އެދިފައެވެ.

މީގެ އިތުރުން އޭނާގެ ވަޒީފާ އަނބުރާ އިޔާދަކޮށް، ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން، ވަޒީފާ އަނބުރާ ހަމަޖައްސައިދޭ ދުވަހާ ހަމައަށް، ވަޒީފާއިިން ވަކިކުރިއިރު ދެމުންދިޔަ މުސާރަ އާއި ހުރިހާ އިނާޔަތްތަކެއް ހޯދައި ދިނުމަށްވެސް ދައުވާގައި އެދިފައިވެއެވެ.

ފައްތާހުގެ ދެ އަހަރު ދުވަހުގެ ހަމައެކަނި މުސާރައިގެ ގޮތުގައި ލިބެންޖެހޭކަމަށް ވަނީ 484,718.70 ފުރިޔާއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟