ކްރިޕްޓޯ ކަރަންސީ ނުވަތަ އެފަދަ ވާޗުއަލް ކަރަންސީތައް ގަނެވިއްކުމަކީ ގާނޫނީ ގޮތުން މަނާކަމެއް ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.
އެމްއެމްއޭ އިން މިއަދު ނެރުނު އިއުލާނެއްގައި ދިވެހިރާއްޖޭގައި ކްރިޕްޓޯ ކަރަންސީ ނުވަތަ މިފަދަ ވަރޗުއަލް ކަރަންސީތައް ގަނެވިއްކުމުގެ ވިޔަފާރިކުރާކަން ބަޔާންކޮށް ބައެއް ފަރާތްތަކުން މީސް މީޑިއާ މެދުވެރިކޮށް އިސްތިހާރު ކުރަމުންދާކަން ފާހަގަކޮށްފައިވެއެވެ.
އެމްއެމްއޭ އިން ބުނީ ދިވެހިރާއްޖޭގައި ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް މަނީ ރެމިޓަންސް ވިޔަފާރިއާއި މަނީ އެކްސްޗޭންޖްގެ ވިޔަފާރި ރެގިއުލޭޓްކުރަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނުގެ ދަށުން އެ އޮތޯރިޓީން ކަމަށާއި އެހެން އެއްވެސް ފަރާތަކަށް އެ ވިޔަފާރިތައް ކުރުމުގައި، ކްރިޕްޓޯ ކަރަންސީ ނުވަތަ އެފަދަ ވާޗުއަލް ކަރަންސީ ބޭނުންކުރުމުގެ ހުއްދަދީފައި ނުވާނެ ކަމަށެވެ.
"އަދި ދަންނަވަމެވެ. ދިވެހިރާއްޖޭގެ ލީގަލް ޓެންޑަރ ކަމުގައިވާ ރުފިޔާ ނޫޓާއި ލާރީގެ ފައިސާ ފޮތި، މި އޮތޯރިޓީ ފިޔަވައި އެހެން ފަރާތަކުން ނެރުމަކީ ނުވަތަ ރުފިޔާ ނޫޓާއި ލާރީގެ ފައިސާފޮތި ކަމުގައި ހިމެނިދާނެ ނޫޓު ނުވަތަ ފައިސާފޮތި ނުވަތަ ފައިސާގެ އަގު ހިމެނިދާ ފަދަ ލިޔުމެއް ނުވަތަ ނިޝާނެއް ވިޔަސް ނެރުމަކީ ގާނޫނީ ގޮތުން މަނާ ކަމެއް ކަމުގައި ދެންނެވީމެވެ..،" އެމްއެމްއޭގެ އިއުލާނުގައި ބުނެފައިވެއެވެ.
ރާއްޖޭގެ ލީގަލް ޓެންޑަރ ކަމުގައިވާ ރުފިޔާ ނޫޓާއި ލާރީގެ ފައިސާ ފޮތި ކަމަށް ދޭހަވާ ފަދަ އެއްވެސް ބާވަތެއްގެ އެއްޗެއް ނުނެރުމަށާއި އެފަދަ އެއްޗެއް މެދުވެރިކޮށް ވިޔަފާރި ނުކުރުމަށް ވެސް އެމްއެމްއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.