ރާއްޖޭގެ ބޭންކުތަކުން ކަސްޓަމަރުންނަށް ކާޑު ދޫކުރަން ފެށީއްސުރެ މިހާތަނަށް 1.2 މިލިއަން ކާޑު ދޫކޮށްފައިވާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެފިއެވެ.
ރާއްޖޭގެ ބޭންކަކުން އޭޓީއެމެއް ގާއިމުކޮށް، ޑެބިޓް ކާޑް ދޫކުރަން ފެށީ 2000 ވަނަ އަހަރެވެ. އަދި ކްރެޑިޓް ކާޑް ދޫކުރަން ފަށާފައިވަނީ 2004 ވަނަ އަހަރެވެ.
އެމްއެމްއޭ އިން އާންމު ކުރި، ޕޭމެންޓްސް ބުލެޓިންގައި ބުނީ މިހާތަނަށް 1.2 މިލިއަން ކާޑު ދޫކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 74 ޕަސެންޓު ކާޑު އަދިވެސް އެކްޓިވް ކަމަށެވެ.
މިދިޔަ އަހަރުގެ ނިޔަލަށް ދޫކޮށްފައިވާ 1.2 މިލިއަން ކާޑުގެ ތެރެއިން 63 ޕަސެންޓަކީ ޑެބިޓް ކާޑެވެ. އެއީ 740،000 ކާޑެވެ. އަދި ހަތަރު ޕަސެންޓަކީ ކްރެޑިޓް ކާޑު އަދި 36 ޕަސެންޓަކީ ޕްރީޕެއިޑް ކާޑެވެ.
ބުލެޓިންގައިވާ ގޮތުން ޑެބިޓް ކާޑުގެ ތެރެއިން 48 ޕަސެންޓަކީ ވިސާ ކާޑެވެ. އަދި 24 ޕަސެންޓު މާސްކާޑު އަދި 22 ޕަސެންޓަކީ އެމެރިކަން އެކްސްޕްރެސް (އެމެކްސް) ކާޑެވެ. ކްރެޑިޓް ކާޑުގެ ތެރެއިން 64 ޕަސެންޓަކީ ވިސާއެވެ. 28 ޕަސެންޓު އެމެކްސްއަށް އަދި ޕްރިޕެއިޑް ކާޑުގެ 99 ޕަސެންޓަކީ މާސްޓަކާޑެވެ.
މިދިޔަ އަހަރު އެކަނިވެސް ކާޑުތަކުން 45 މިލިއަން ޓްރާންސެކްޝަން ހެދިއެވެ. އެއީ 17.92 ބިލިއަން ރުފިޔާގެ މުއާމަލާތެވެ. އޭގެތެރެއިން ޑެބިޓް ކާޑުން 43.5 މިލިއަން ޓްރާންސެކްޝަން ކޮށްފައިވާ އިރު އެއީ 16.8 ބިލިއަން ރުފިޔާގެ މުއާމަލާތެވެ. ބާކީ އެއް ބިލިއަން ރުފިޔާގެ މުއާމަލާތް މިދިޔަ އަހަރު ހިންގީ ކްރެޑިޓް ކާޑުތަކުން ކަމަށް މަރުކަޒީ ބޭންކުން ބުނެއެވެ.
ކާޑުތަކުގެ މުއާމަލާތްތަކުގެ ތެރެއިން 85 ޕަސެންޓް ހިއްސާ ކުރަނީ ޕީއޯއެސް ނުވަތަ ކާޑު މެޝިނުން ހިންގި މުއާމަލާތްތަކަށެވެ. 15 ޕަސެންޓު ކާޑު މުއާމަލާތް ހިންގީ އޮންލައިންކޮށެވެ.