ދުނިޔޭގެ އެކި ހިސާބުތަކަށް އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ފައިސާ ފޮނުވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
އުރީދޫ މޯލްޑިވްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އިއްޔެއިން ފެށިގެން، އެމް-ފައިސާ މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފައިސާ ފޮނުވުމުގެ ހިދުމަތް ފަށާފައިވާ ކަމަށާއި އެ ހިދުމަތް ފެށީ މަނީގްރާމް އިންޓާނޭޝަނަލްގެ ޕާޓްނާޝިޕާ އެކުގައި ކަމަށެވެ.
މަނީގްރާމް އިންޓާނޭޝަނަލް އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފައިސާ ފޮނުވައިދީ ގުޅުވައިދިނުމުގައި ތަޖުރިބާކާރު ކުންފުންޏެކެވެ. އަދި ފިންޓެކް އިނޮވޭޝަންގައި ވަރުގަދަ، ކަސްޓަމަރުންނާ ގާތުން މަސައްކަތްކުރަމުންދާ ކުންފުންޏެކެވެ. މަނީގްރާމްގެ ޒަމާނީ ޕްލެޓްފޯމް މެދުވެރިކޮށް ދުނިޔޭގެ އެންމެ ކުޅަދާނަ ކުންފުނިތަކާ އެކު މާލީ ހިދުމަތްދިނުމުގެ އިސް ސަފުގައި ހަރަކާތްތެރިވެއެވެ.
އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު ހާމިދު އަލް ހަމާދީ ވިދާޅުވީ ދިވެހިންނާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި ވިޔަފާރިވެރިން އަދި ދުނިޔޭގެ އެކި ހިސާބުގައި އުޅޭ ދިވެހި ކިޔަވާކުދިންނަށް ބޭނުންވެފައި ވަނީ އަވަސް، ފަސޭހަ އަދި ރައްކާތެރި ހިދުމަތެއް ކަމަށެވެ. އަދި ރާއްޖޭގައި ޑިޖިޓަލް މާލީ ހިދުމަތްތައް ކުރިއަރުވައި، މި ހިދުމަތްތަކަކީ އެންމެނަށް ފަސޭހަ ކަމާއެކު ލިބޭ ހިދުމަތްތަކަށް ހެދުމަށް އަބަދުވެސް އުރީދޫން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމަދީ ވިދާޅުވީ، އެ ޑިޖިޓަލް ހިދުމަތުގެ ސަބަބުން މިހާރު ދިމާވަމުންދާ ގޮންޖެހުންތަކަށް ލުޔެއް ލިބިގެން ދާނެ ކަމަށް ޔަގީންކުރައްވާ ކަމަށާއި މަނީގްރާމް ފަދަ ތަޖުރިބާކާރު ކުންފުންޏަކާ އެކު ކުރިއަށް ދިޔުމަކީ އުރީދޫގެ ކަސްޓަމަރުންނަށް ދޭ ހިދުމަތް އެންމެ ރަގަޅަށް ދިނުމުގައި މަގުފަހިވާނެ ކަމެއް ކަމަށެވެ.
އެ ޕާޓްނާޝިޕާއެކު ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުން، ފައިސާ ލިބޭ ފަރާތް ދިރިއުޅެމުންދާ ގައުމުގައި ލިބޭ ހިދުމަތަށް ރިއާޔަތްކޮށް، ރާއްޖެއިން ބޭރުގެ އެކި ހިސާބުތަކަށް ފަސޭހަ ކަމާއެކު ފައިސާ ފޮނުވުމުގެ މަގު ފަހިވެއްޖެ ކަމަށާއި އުރީދޫގެ ކަސްޓަމަރުންނަށް ދުނިޔޭގެ އެކި ހިސާބުގައި ދިރިއުޅެމުންދާ އާއިލާ އަދި ރައްޓެހިންގެ ބެންކު އެކައުންޓް، މޮބައިލް ވޮލެޓު ނުވަތަ މަނީގްރާމްގެ އޭޖަންޓެއް މެދުވެރިކޮށް ނަގުދު ފައިސާ ނެގޭ ގޮތަށް ފޮނުވިދާނެ ކަމަށްވެސް އުރީދޫ އިން ބުންޏެވެ.
އުރީދޫން އިތުރަށް ބުނީ، ލައިސަންސް ލިބުމާއެކު، އިންޓަނޭޝަންލް ޕާޓްނަރުންނާ އެކު ގިނަ މަސައްކަތްތަކެއް ކުރެވި، ރާއްޖޭގައި ދިރިއުޅޭ ކޮންމެ ފަރާތަކަށްވެސް އެމް-ފައިސާގެ ހިދުމަތް، އިންޓަނޭޝަނަލް މަނީ ޓްރާންސްފާގެ ހިދުމަތާ އެކު ބޭނުންކުރުމުގެ ފުރުސަތު ހުޅިވިފައިވާ ކަމަށެވެ