މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ބެލުމުގެ ދަށުން ކުރަމުން އައި ރަށްރަށުގެ މިސްކިތްތައް ބެލެހެއްޓުމުގެ ޒިންމާ ރަށުކައުންސިލް ތަކަށް ދީފި އެވެ.
އިސްލާމިކް މިނިސްޓްރީން މިނިސްޓްރީން އިއްޔެ އާންމު ކުރި ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ރަށްރަށުގެ މިސްކިތްތައް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެރަށްރަށުގެ ކައުންސިލްތަކާ އަންނަ އޭޕްރީލް މަހު އެކަކުން ފެށިގެން ހަވާލު ކުރެވޭނެ އެވެ. އެގޮތުން މިސްކިތް ފޮޅަައި ސާފުކުރުމާއި، މަރާމާތު ކުރުމާއި، މިސްކިތުގެ މުވައްޒަފުންގެ ކަންކަން ބެލެހެއްޓުމުގެ ހުރިހާ ޒިންމާއެއް ރަށު ކައުންސިލްތަކަށް ދޭނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މި މަހުގެ 31ގެ ނިޔަލަށް މިސްކިތްތަކުގެ މުވައްޒަފުންގެ މުސާރަ، އެލަވަންސް އަދި އިނާޔަތްތައް މިނިސްޓްރީން ހަމަޖައްސައިދޭނެކަމަށް އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން މިހާރު މިސްކިތްތަކުގެ މުވައްޒަފުންނާއި ބަޖެޓް ރަށު ކައުންސިލްތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި ރަށު ކައުންސިލްތަކުން މިސްކިތްތައް ބެލެހެއްޓުމަށް ކުރައްވަން ޖެހޭ ކަންކަން ހިމެނޭ ލިސްޓެއް ހުރިހާ ކައުންސިލްތަކަށް ފޮނުއްވާނެކަމަށް ވެސް އެމިނިސްޓްރީން ބުނެއެވެ.