ސިވިލް ސާވިސް ކޮމިޝަން

އިދާރާތަކުން ދަނީ ހެދުން އެޅުމުގެ ގަވާއިދު އެކި ގޮތްގޮތަށް މާނަކުރަމުން : ސީއެސްސީ

އަހުމަދު ޖައިޝަން

ދިވެހި ސިވިލް ސާވިސްގެ ހެދުން އެޅުމުގެ ގަވާއިދުގެ އިބާރާތް، ސިވިލް ސާވިސްގެ އިދާރާތަކުން ދަނީ އެކި ގޮތްގޮތަށް މާނަކުރަމުން ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން ބުނެފިއެވެ.

ސީއެސްސީން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ އެ ސާވިސްގެ 2014 ގެ 145 ވަނަ މާއްދާގެ (ހ)ގައިވާ އިބާރާތް އެކި ގޮތްގޮތަށް މާނަކޮށް ސިވިލް ސާވިސްގެ އިދާރާތަކުން މުވައްޒަފުންނާ މެދު ތަފާތު ގޮތްގޮތަށް އަމަލު ކުރަމުން ގެންދާ ކަމަށެވެ.

އެ ގަވާއިދުގައި ބުނެފައިވަނީ "ސިވިލް ސާވިސްގެ މުވައްޒަފުން މަސައްކަތްކުރާ ގަޑީގައި ހެދުން އަޅާފައި ހުންނަން ވާނީ ކާކުކަން ރަނގަޅަށް އެނގޭ ފަދަގޮތަކަށް،" މިހެންނެވެ.

ސާކިއުލާގައި ބުނެފައިވަނީ ހެދުން އެޅުމުގެ އިބާރާތުގައި އެ ބުނަނީ ހެދުން އަޅާފައި ހުންނަގޮތް އެކަނި ނޫން ކަމަށެވެ. އޭގެތެރޭގައި ވަޒީފާ އަދާކުރާ އިދާރާއަކުން ދޫކޮށްފައިވާ މުވައްޒަފުގެ ކާޑު ނުވަތަ ޓެގު ފަދަ އެއްޗެހި އެނގެން މުހިއްމު ކަމަށް ވެސް އެ ސާކިއުލާގައި ބުނެފައިވެއެވެ.

ސީއެސްސީން ބުނީ އެގޮތަށް ހަމަޖެއްސުމާއެކު ސީއެސްސީގެ 144 ވަނަ މާއްދައިގައި ބަޔާންކޮށްފައިވާ ހެދުމާއި ތަކެތި ފިޔަވައި އެކަށޭނަ ހެދުމެއް ވަޒީފާއަށް ބޭނުންކުރުމަށް ހުރަހެއް ނެތް ކަމަށެވެ.