ޝަހީދާ އަބްދުﷲ ސައީދު
ރާއްޖެއަށް އަލަށް ވަޒީފާއަށް ގެންނަ ބިދޭސީންގެ އެމްޕްލޯއިމަންޓް އެޕްރޫވަލް 48 ގަޑިއިރުގެ ތެރޭގައި ދޫކުރަން އިމިގްރޭޝަނުން ނިންމައިފިއެވެ.
އިމިގްރޭޝަނުން މިއަދު ބުނީ އަލަށް ގެންނަ ބިދޭސީންގެ އެމްޕްލޯއިމަންޓް އެޕްރޫވަލްއަށް އެދި ހުށަހަޅާއިރު ހުރިހާ ލިޔެކިއުމެއް ފުރިހަމަކޮށްފައިވާނަމަ 48 ގަޑިއިރުގެ ތެރޭގައި އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރާނެ ކަމަށެވެ.
އަދި ލިޔެކިއުން ފުރިހަމަ ނުވި ނަމަވެސް، އެމްޕްލޯއިމަންޓް އެޕްރޫވަލްއަށް އެދި ހުށަހަޅާ ފަރާތަށް 48 ގަޑިއިރުގެ ތެރޭގައި އެކަން އަންގާނެ ކަމަށެވެ.
އެބަދަލަށް މިއަދުން ފެށިގެން އަމަލުކުރަން ނިންމާފައިވާއިރު އެމްޕްލޯއިމަންޓް އެޕްރޫވަލްގެ ހިދުމަތަށް އެފަދަ އެބަދަލެއް ގެނައުމުގެ މަގުސަދަކީ އިމިގްރޭޝަނުން ދޭ ހިދުމަތްތައް ރައްޔިތުން ގަބޫލުކުރާ ފެންވަރަށް ގެނައުން ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި ގުޅުން ހުރި މަސައްކަތް ކުރާ ފަރާތްތަކަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށް ބުނެފައިވެއެވެ.
އެހެންްކަމުން ހިދުމަތުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަށް އެމްޕްލޯއިމަންޓް އެޕްރޫވަލަށް އެދި ހުށަހަޅާއިރު ބޭނުންވާ ލިޔެކިއުން ފުރިހަމަކުރުމަށް ސަމާލުކަން ދިނުމަށް އިމިގްރޭޝަނުން އިލްތިމާސްކޮށްފައިވެއެވެ.