މޯލްޑިވްސް މީޑިއާ ކައުންސިލް

ފޮލިސް މީޑިއާ ހެޑާ ގުޅޭގޮތުން ވަގުތު ނޫހުގައި ޝާއިއުކުރި ލިޔުންތަކެއްގެ މައްސަލަ މީޑިއާ ކައުންސިލުން ބަލަނީ

އަހުމަދު ޖައިޝަން

ފުލުހުންގެ މީޑިއާ ހެޑް އިޒްމިއާ ޒާހިރާ ގުޅޭގޮތުން ވަގުތު އޮންލައިން ނޫހުގައި ޝާއިއުކުރި ލިޔުންތަކެއްގެ މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ބަލަން ފަށައިފި އެވެ.

މީޑިއާ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ވަގުތު އޮންލައިން އާއި އިޒްމިއާ ޒާހިރާ ދެމެދު އުފެދުނު ނުތަނަވަސްކަމަކާ ގުޅިގެން އިޒްމިއާއާ ގުޅޭގޮތުން ތަފާތު އެކި ގޮތްގޮތުންް ޝަކުވާ ލިބިފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ކައުންސިލުގެ މެންބަރުންގެ އެދުމުގެ މަތީން މިއަދު ވަނީ ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބާއްވައި، އެކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް އެ މައްސަލަ ބެލުމަށްޓަކައި ފަސް މެންބަރުންގެ ހާއްސަ ކޮމިޓީއެއް ވެސް އެކުލަވާލާފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

އެ ކޮމިޓީގައި ހިމެނިވަޑައިންނަވަނީ؛

1. ކައުންސިލު މެމްބަރު އަޒްމީ އަލީ

2. ކައުންސިލު މެމްބަރު އަހުމަދު އަމީން މުހައްމަދު

3. ކައުންސިލު މެމްބަރު އަލީ އަހުސަން

4. ކައުންސިލު މެމްބަރު އަބްދުއްލަތީފު އަހުމަދު

5. ކައުންސިލު މެމްބަރު ޝިފްޒާ މުސްތަފާ

ކައުންސިލުން ބުނީ އެ މައްސަލައާ ގުޅޭ ދެ ފަރާތްވެސް ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިމަހުގެ 31ގެ ކުރީން މައްސަލަ ނިންމުމަށްފަހު ކައުންސިލަށް ރިޕޯޓު ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ވަނީ ބުނެފައެވެ.