އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އަށް 34 ރެޖިސްޓާޑް ނަރުހުންނާއި ހަ ދިވެހި މެޑިކަލް އޮފިސަރުން ހޯދުމަށް އިއުލާނުކޮށްފި އެވެ.
އައިޖީއެމްއެޗުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ސީއެސް އެއަކުން އަށަކާ ދެމެދު މަގާމުގެ ނަރުހުން އެ ހޮސްޕިޓަލަށް ބޭނުންވާ ކަމަށެވެ.
އެ އިއުލާނުގައި ބުނެފައިވަނީ ސީއެސް އެކަކުން އަށެއްގެ ނަރުހުންނަށް 9،060 ރުފިޔާގެ މުސާރައެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ސީއެސް ދެއަކުން އަށެއްގެ ނަރުހުންނަށް 9،210 ރުފިޔާ ކަޑައަޅާފައިވާއިރު ސީއެސް ތިނަކުން އަށެއްގެ ނަރުހުންނަށް ކަނޑައަޅާފައިވަނީ 9،360 ރުފިޔާއެވެ.
މަގާމަށް ހޮވޭ ނަރުހުން ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް 188 ރުފިޔާ ސާވިސް އެލަވެންސްގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.
އެ މަގާމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން މަގާމަށް ކުރިމަތިލުމުގެ އެންމެ ފަހުގެ މުއްދަތަކީ މިމަހުގެ 25 އެވެ.
އައިޖީއެމްއެޗްއިން ކުރި އިތުރު އިއުލާނެއްގައި ބުނެފައިވަނީ ސީއެސް އެކަކުން 12 އާ ދެމެދު މަގާމުގެ މެޑިކަލް އޮފިސަރުން އެ ހޮސްޕިޓަލަށް ބޭނުންވާ ކަމަށެވެ. އެ މެޑިކަލް އޮފިސަރުންނަކީ ދިވެހި މެޑިކަލް އޮފިސަރުންނަށް ވާން ޖެހޭއިރު އެ މަގާމަކީ ވަގުތީ މަގާމެއް ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.
މެޑިކަލް އޮފިސަރުންނަށް ކަނޑައަޅާފައިވާ މުސާރައަކީ 15،090 ރުފިޔާއެވެ. އަދި ސާވިސް އެލަވެންސްގެ ގޮތުގައި ދުވާލަކަށް 205 ރުފިޔާ ކަނޑައަޅާފައިވާ ކަމަށްވެސް އައިޖީއެމްއެޗުން ބުނެއެވެ.
އެ މަގާމަށް ކުރިމަތިލުމުގެ އެންމެ ފަހުގެ ތާރީހަކީވެސް މިމަހުގެ 25 އެެވެ.