ޚަބަރު

އެމްބިއުލާންސަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

މުހައްމަދު އިޝާން

އެމްބިއުލާންސަކާއި ސައިކަލެއް ޖެހި މާލޭގައި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ ރޭ 19:35 އެހާކަންހާއިރު ހައުސިން މިނިސްޓްރީ ކައިރިން އިމަޖެންސީގައި ދިޔަ އެމްބިއުލާންސަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މީހާގެ ނިތްކުރިމަތި ދުޅަވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓުގައި ހިމެނޭ ދެ އުޅަނދު ވެސް ދުއްވާފައިވަނީ ލައިސަންސް އޮތް ދެ މީހުން ކަމަށެވެ.

އެ އެކްސިޑެންޓުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.