ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އާދަމް ޝަމީމް ރޭ ރާއްޖެ އަށް ވަޑައިގެންފި އެވެ.
ޝަމީމް އެނބުރި ރާއްޖެ އަށް ވަޑައިގަތުމުގެ ހުއްދަ އިންޑިއާގެ އިމިގްރޭޝަނުން ދީފައި މި ވަނީ 30 ގަޑި އިރަށް ވުރެ ގިނަ ވަގުތު އިމިގްރޭޝަނުގެ ބެލުމުގެ ދަށުގައި ބޭންދުމަށް ފަހުގަ އެވެ.
ޝަމީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިމިގްރޭޝަނުގެ ބެލުމުގެ ދަށުގައި އޭނާ އެހާ ގިނަ އިރު ބޭންދި ސަބަބެއް އިންޑިއާގެ އިމިގްރޭޝަނުން ބުނެފައި ނުވާ ކަމަށެވެ. "އެހެން ނަމަވެސް އަަހަރެންގެ ތައުލީމީ ހަޔާތާއި ވަޒީފާގެ ދާއިރާއާ ގުޅޭ ގޮތުން އޮފިޝަލުން ބައެއް ސުވާލުތައް ކުރި." ޝެއިޚް ޝަމީމް ވިދާޅުވި އެވެ.
އިންޑިއާ އަށް އިތުރު ބައެއް ބޭފުޅުންނާ އެކު ވަޑައިގަތުމުން އަރިހުގައި ވަޑައިގެންނެވި އެހެން ބޭފުޅުންނަށް އިންޑިއާ އަށް އެތެރެވުމަށް ހުއްދަ ދިން ނަމަވެސް ޝަމީމް ހިފެހެއްޓުމާ ގުޅިގެން ރާއްޖޭގެ ސިޔާސީ މަސްރަހުގައި ވެސް އަންނަނީ ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކުރަމުންނެވެ.
އެ ގޮތުން ޝެއިޚް ޝަމީމް ހިފެހެއްޓި މައްސަލައިގައި ރައީސް ޔާމީންގެ ރަނިން މޭޓް، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ހާދިސާ އިން ރަމްޒު ކޮށްދެނީ ކުރިޔަށް އޮތީ އިލްމުވެރީންނަށް ބިރުވެރިކަމުން ފުރިގެންވާ ދުވަސްތަކެއް ކަމަށެވެ.