ޝެއިޚް އާދަމް ޝަމީމް

ޝައިޚް ޝަމީމް އިންޑިއާގެ އެއާޕޯޓެއްގައި ހިފަހައްޓައިފި

މުހައްމަދު އައުޒަމް

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އާދަމް ޝަމީމް އިންޑިއާގެ ޓްރިވެންޑްރަމްގެ އެއާޕޯޓުގައި ހިފަހައްޓައިފިއެވެ.

އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓްގެ އޮފިޝަލަކު ވަނީ ''ވަން އޮންލައިނަށް'' އެކަން ކަށަވަރުކޮށްދެއްވާފައެވެ.

ދިވެހި ކޮންސިއުލޭޓުގެ އޮފިޝަލް ވިދާޅުވީ ޝަމީމް ހައްޔަރުކުރީ އޭނާގެ ބައްޕަ އާއި ކޮއްކޮއާ އެކު މިއަދު ޓްރިވެންޑްރަމަށް ދިޔަތަނުން ކަމަށެވެ. ޝަމީމްގެ ބައްޕަ އާއި ކޮއްކޮ އަށް ޓްރިވެންޑްރަމަށް އެތެރެވުމުގެ ހުއްދަދިން ކަމަށާއި ނަމަވެސް ޝަމީމް ހުރީ ހިފަހައްޓާފައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ ޝަމީމަށް އިންޑިއާ އަށް އެތެރެނުވެވޭނެ ކަމަށް އެގައުމުގެ އިމިގްރޭޝަނުން ބުނެފައިވާ ކަމަށެވެ. އަދި އެންމެ އަވަހަށް ރާއްޖެ އަންނަ ފަލައިޓަކުން އަނބުރާ އޭނާ ފޮނުވާލާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

''އިންޑިއާގެ އިމިގްރޭޝަނުން ބުނަނީ ޝައިޚް އާދަމް ޝަމީމަށް އެ ގައުމަށް އެތެރެނުވެވޭނެ ކަމަށް. ސަބަބެއް ހާމައެއް ނުކުރި،'' އޮފިޝަލް ވިދާޅުވިއެވެ.

މިދިޔަ ޖޫން މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކުވެސް ޓްރިވެންޑްރަމަށް ވަޑައިގަތުމުން އެތެރެވިޔަ ނުދީ ވަނީ އަނބުރާ ފޮނުވާލާފައެވެ.