ކޯސްޓްގާޑް

މިހާތަނަށް އެންމެ ބޮޑު އޮޕަރޭޝަނެއް ހިންގީ ޝިމާ ހޯދަން: އެމްއެންޑީއެފް

ޝަހީދާ އަބްދުﷲ ސައީދު

މިއަހަރުގެ މިހާތަނަށް އެންމެ ބޮޑު އޮޕަރޭޝަނެއް ހިންގާފައިވަނީ ގެއްލިގެން ހޯދަމުންދާ 19 އަހަރުގެ ޝިމާ ހޯދުމަށް ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ކޯސްޓްގާޑު ބިލްޑިންގުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޯސްޓްގާޑު ކޮމާންޑަރު އަލީ ޒުހައިރު ވިދާޅުވީ މިހާތަނަށް ހިންގި އެންމެ ބޮޑު އޮޕަރޭޝަނަކީ މިދިޔަ މަހުގެ ބާވީސްވަނަ ދުވަހު ގެއްލުނު 19 އަހަރުގެ އަންހެން ކުއްޖަކު ހޯދުމަށް ހިންގި އޮޕަރޭޝަން ކަމަށެވެ.

އެ އޮޕަރޭޝަނުގައި ރާއްޖޭގެ އިގުތިސޯދީ ސަރަހައްދު ބެލެހެއްޓުމަށް ރާއްޖޭގެ ހުރިހާ ސަރަހައްދެގައި ހަރަކާތްތެރިވާ ކޯސްޓް ގާޑްގެ ހުރިހާ އުޅަދުތަކުގައި ކެނޑި ނޭޅި މަސައްކަތްތަކެއް ކުރަމުންދިޔަ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ޒުހައިރު ވިދާޅުވީ ރާއްޖޭގެ އިގުތިސޯދީ ސަރަހައްދު ބެލެހެއްޓުމަށް އެހީތެރިވަނީ ހަމައެކަނި ވަކި ގައުމަކުން ނޫން ކަމަށާއި ދުނިޔޭގެ އެހެން ގައުމުތަކުންވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

ޝިމާ ހޯދުމަށް ސިފައިންނާއި ފުލުހުންގެ އިތުރުން ޝިމާގެ އުފަންރަށް ކަމަށްވާ ލ. މާމެންދޫގެ ރައްޔިތުންނާއި އަތޮޅުގެ ގިނަ ރައްޔިތުން ގުޅިގެން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. ނަމަވެސް މިހާތަނަށް ޝިމާވެސް އަދި ދަތުރުކުރި ޑިންގީވެސް ފެނިފައެއް ނުވެއެވެ.

އަދި ވަރަށް ކުރިއްސުރެ އިންޑިއާ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް އެހެން ގައުމުތަކާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަކަމަށާއި އަވައްޓެރި ގައުމުތަކާއި އޭގެ އިތުރުން އެމެރިކާ ފަދަ ގައުމުތަކުގެ އެހީގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކަނޑުގެ ބޮޑެތި އޮޕަރޭޝަންތައް ކުރެވޭނީ އެހެން ގައުމުތަކުގެ އެހީތެރިކަން ހޯދައިގެން ކަމަށާއި ރާއްޖެ އަކީ މާލީ ގޮތުން އެހާ ތަނަވަސް ގައުމެއް ނޫން ކަމަށެވެ.

އަދި އިންޑިއާ ކަނޑުގެ ސަރަހައްދަކީ ގިނަ އަދަދެއްގެ ކާގޯ ބޯޓު ފަހަރު ދަތުރުކުރާ ސަރަހައްދެއް ކަމަށާއި އެގޮތުން މި ސަރަހައްދަކީ ގިނަ ބަޔަކު މުދާ އުފުލާ ސަރަހައްދެއް ކަމުން މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ އިސްކަމެއް ދޭ ކަމަށްވެސް ޒުހައިރު ވިދާޅުވިއެވެ.