ޝަހީދާ އަބްދުﷲ ސައީދު
ސަރުކާރުގެ ފުރަތަމަ ތިންމަސްދުވަހުގެ ތެރޭގައި ހެލިކޮޕްޓަރުގައި 36 އޮޕަރޭޝަން ހިންގާފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ކޯސްޓްގާޑު ބިލްޑިންގުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޯސްޓްގާޑު ކޮމާންޑަރު އަލީ ޒުހައިރު ވިދާޅުވީ އިންޑިއާއިން ހަދިޔާކުރި ހެލިކޮޕްޓަރުގައި މިހާތަނަށް 36 އޮޕަރޭޝަން ހިންގާފައިވާ ކަމަށާއި އޭގެ ތެރޭގައި 90 އިންސައްތައަކީ ބަލި މީހުން އުފުލުމުގެ އޮޕަރޭޝަން ކަމަށެވެ.
ބަލި މީހުން އުފުލުމުގައި ރާއްޖޭގެ އެކި ހިސާބުތަކުން ކަނޑުމަގުން މީހުން މާލެ ގެނައުމަށް ބޮޑެތި ދަތިތަކެއް ހުރިއިރު އެންމެ ބޮޑު މައްސަލައަކަށް ކުރިންވެފައިވަނީ ބަަލި މީހާގެ ހާލަތާ މެދު ކަމަށް ފާހަގަ ކުރަމުން ޒުހައިރު ވިދާޅުވީ، އެ ބަލިމީހާގެ ފުރާނަ ސަލާމަތް ކުރެވެނީ ހެލިކޮޕްޓަރު ބޭނުންކޮށްގެން ކަމަށެވެ.
އޭގެ އިތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލުމާއި ޑައިވިންއަށް ގޮސްގެން ހާލުދެރަވާ މީހުންގެ ފުރާނަ ސަލާމަތްކުރުމަށް އެންމެ ކައިރީގައިވާ ސިއްހީ ފަރުވާދޭ ތަންތަނަށް ގެންދިއުމާއި މާލެ ގެނައުމަށް ވެސް ހެލިކޮޕްޓަރުގެ ބޭނުން ހިފަންޖެހޭ ކަމަށް ވިދާޅުވިއެވެ.
އަދި ހެލި ކޮޕްޓަރު ދުއްވާނެ ދިވެހި ޕައިލެޓުން އަދިވެސް ރާއްޖޭގައި ނެތް ކަމަށް ޒުހައިރު ވިދާޅުވަމުން، ދިވެހި ޕައިލެޓުން ތަމްރީނު ކުރުމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށާއި އެކަމަށް އިންޑިއާއިން ވެސް އެއްބާރުލުން ދޭނެކަން އަންގާފައި ވާކަމަށް ޒުހައިރު ވިދާޅުވިއެވެ.
ޒުހައިރު ވިދާޅުވީ ހެލިކޮޕްޓަރުގެ އެއްބަސްވުން ސަރުކާރުން އާކުރިއިރު އެއްބަސްވުމަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ.