ދުނިޔެ

މިސްކިތުގައި ހަމަލާދީ މަރާލީ ހުކުރު ނަމާދުގައި ތިއްބައި، މަރުވި މީހުންގެ އަދަދު 49 އަކަށް!

އަހުމަދު ޖައިޝަން

ދުވަހަކީ ހުކުރު ދުވަހެވެ. މުސްލިމުންނަށް ކޮންމެ ދުވަހަކު އަންނަ އީދެވެ. އެހެން ހުކުރުތަކެކޭ އެއްފަދައިން ނިއުޒިލެންޑުގެ ކްރައިސްޗާޗުގެ އަލްނޫރު މިސްކިތާއި ލިންވުޑް މިސްކިތަށް މިއަދަކީ އެންމެ ބާރުބޮޑު ދުވަހެވެ. ނަމަވެސް ހުކުރު ނަމާދުގައި ތިއްބާ ބަޑީގެ ހަމަލާތަކެއް ދީ އެތައް ބައެއް މަރާލާނެ ކަމަށް ހީކުރާނީ ކާކު ހެއްޔެވެ؟

ހުކުރު ނަމާދުގައި އެތައް ބަޔަކު މަސްއޫލުވެގެން އުޅެނިކޮށް މީހަކު ވަނީ އެ މިސްކިތަށް ބަޑިޖަހައި އެތައް ބަޔަކު މަރާލައިފައެވެ. އަދި އޭނާ ވަނީ އެ ހުރިހާ މަންޒަރެއް ވީޑިއޯ ކޮށްފައެވެ. ބަޑި ރީލޯޑުކުރުމުން ފެށިގެން އެކަންތައް އެއްކޮށްހެން ވަނީ ވިޑީއޯކޮށްފައެވެ.

އަސްލު ވީގޮތަކީ ކޮބާ؟

އޮސްޓްރޭލިއާއަށް އުފަން އުމުރުން 28 އަހަރުގެ ބްރެންޓަން ޓަރާންޓް ވަނީ އަލް ނޫރު މިސްކިތް ސަރަހައްދަށް ދިޔަ ހިސާބުން ކަންތައް ހިނގާދިޔަ ގޮތް ވީޑިއޯ ކޮށްފައެވެ.

މިލިޓަރީ ސްޓައިލް ކެމަފްލާޖް އައުޓްފިޓެއް ލައިގެންް ހުރެ މިސްކިތް ކައިރިއަށް ގޮސް ޓަރާންޓް ވަނީ ނިއުޒިލެންޑް ލޯކަލް ގަޑީން 1340ގައި ބަޑި ޖަހަން ފަށައިފައެވެ. އޮޓޮމެޓިކް ރައިފަލް އެއް ހިފައިގެން ގޮސް އޭނާ ބަޑި ޖަހަން ފަށާފައިވަނީ ރެންޑަމްކޮށެވެ.

ފޭސްބުކްގައި ލައިވްކޮށް އޭނާ މަންޒަރުތައް ހާމަކުރިއިރު އޭނާ ވަނީ އެކަމާ ގުޅޭގޮތުން 75 ޞަފްހާގެ މެނިފެސްޓޯއެއް ހާމަކޮށްފައެވެ. އޭނާ ބުނިގޮތުގައި އެކަމަކީ ނޯވީޖިއަން ޓެރަރިސްޓް އެންޑާސް ބެރިންގެ ފަރާތުން "އިންސްޕަޔާ" ވި ކަމެކެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުން ވަނީ މިސްކިތްދޮށަށް ޓަރާންޓް ދިޔަ އުޅަނދު ބަލައި ފާސްކޮށްފައެވެ. ފުލުހުން ބުނީ އެ އުޅަނދުގައި ގޮވާ ޒާތުގެ ދެ އެއްޗެއް ފެނިފައި ކަމަށެވެ. އެތަނުން އެކަތި ޑިފިއުޒްކޮށްފައިވާ އިރު، އަނެއް އެތި ޑިފިއުޒް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މަރުވި މީހުންގެ އަދަދު 49 އަކަށް!

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިއުޒީލެންޑްގެ ޕޮލިސް ކޮމިޝަނާ މައިކް ބުޝް ވިދާޅުވީ އެ ހާދިސާގައި މަރުވި މީހުންގެ އަދަދު 49 އަކަށް އަރާ ކަމަށެވެ.

އެގޮތުން އެމީހުންގެ ތެރެއިން 41 އެކަކީ އަލް ނޫރު މިސްކިތުގައި ތިއްބާ ބަޑި ޖަހައި މަރާލި މީހުން ކަމަށާއި އޭގެތެރެއިން ހަތް މީހަކީ ލިންވުޑް މިސްކިތުގައި މަރާލާފައިވާ ފަރާތްތައް ކަމަށް ބުޝް ވިދާޅުވިއެވެ. އަދި އެ ހާދިސާގައި އަނިޔާވި މީހަކަށް ކްރައިސްޗާޗު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް މަރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެތައް ބަޔަކު މަރާލި މައްސަލައާ ގުޅިގެން ޓަރާންޓް މާދަމާ ކްރައިސްޗާޗް ކޯޓަށް ހާޒިރު ކުރުމަށް ނިންމާފައިވާ ކަމަށްވެސް ބުޝް ފާހަގަކުރެއްވިއެވެ.

ހާދިސާގައި ހަތަރު މީހަކު ހައްޔަރުކުރި!

ޕޮލިސް ކޮމިޝަނާ ވިދާޅުވީ އެ ހާދިސާއާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ ތިން ފިރިހެނުންނާއި އަންހެނެކެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވީ އެ ހާދިސާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އޮސްޓްރޭލިއާއަށް ނިސްބަތްވާ މީހެއް ހިމެނޭ ކަމަށެވެ.

މިއީ ސީދާ ޓެރަރިސްޓް ހަމަލާއެއް!

އެ ހަމަލާއާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިއުޒީލެންޑްގެ ބޮޑުވަޒީރު ޖެސިންޑާ އާރޑާރން ވިދާޅުވީ އެ ހަމަލާއަކީ ސީދާ ޓެރަރިސްޓް ހަމަލާއެއް ކަމަށެވެ.

މިއީ ނިއުޒީލެންޑްގެ ތާރީހުގައިވެސް ހިނގާދިޔަ އެންމެ "އަނދިރި އެއް ދުވަސް" ކަމުގައި ސިފަކުރައްވައި އާރޑާރން ވިދާޅުވީ އެ އަމަލު ހިންގި ފަރާތްތަތަކީ އެކްސްޓްރީމިސްޓުން ކަމަށެވެ.

"އަޅުގަނޑުމެންނަށް އެނގޭގޮތުގައި އެ ހަމަލާއަކީ ވަރަށް ކުރީންވެސް ރާވައިގެން ކުރިއަށް ގެންދިޔަ ހަމަލާއެއް. މި ހަމަލާ ދިން ފަރާތްތައް އަޅުގަނޑު ސިފަ ކުރާނީ، އެއީ އެކްސްޓްރީމް ހިޔާލުތަކާއި ވިސްނުން ގެންގުޅޭ ބައެއްގެ ގޮތުގައި. އެ ވިސްނުން ތަކަކަށް ނިއުޒިލެންޑުގައި އެއްވެސް ޖާގައެއް ދެވެން ނެތް. އަދި ދުނިޔޭގައި ވެސް އެފަދަ ޖާގައެއް ދެވިގެން ނުވާނެ،" އޭނާ ވިދާޅުވިއެވެ.

އެ ހަމަލާއާ ގުޅިގެން ނިއުޒިލެންޑްގެ ސެކިއުރިޓީ ލެވެލް މިހާރު ވާނީ ހައި ލެވެލްއަށް ބަދަލުކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުން މިހާރުވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި ޔޫޓިއުބް އާއި ފޭސްބުކް އަދި ގޫގަލް ފަދަ ކުންފުނިތަކުން ވަނީ އެ ވިޑިއޯ އިންޓަނެޓުން ނެގުމަށް ގިނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ޓެރަރިސްޓް ހަމަލާތަކުގެ އެފަދަ ޕްރޮޕަގެންޑާތައް ފެތުރުމުގެ ފުރުސަތު ނުދޭނެ ކަމަށް އެކުންފުނިތަކުން ބުނެއެވެ.