މުހައްމަދު އައުޒަމް
އިންތިޚާބުގެ ބަލި ގަބޫލުފުޅު ނުކުރައްވައި މިހާރު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަމަލު ކުރައްވަމުންގެންދަވާ ގޮތާމެދު އެމަނިކުފާނަށް ވޯޓު ދިން މީހުންވެސް ތިބީ ހިތްހަމަނުޖެހިފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ އެކި ހުއްޖަތު ދައްކަވައިގެން މުޅި އުމުރަށް ރައީސްކަމުގައި ހުންނަވަން ރައީސް ޔާމީން އުޅުއްވާތީ އެމަނިކުފާނަށް ވޯޓުދިން އެތައް ބަޔަކު އެކަން ގަބޫލުނުކުރާ ކަމަށް ބުނަމުން އަންނަ ކަމަށެވެ.
''ވޯޓަކުން ބަލިވީމަ ފައިބައިވަޑައިނުގަންނަވަން އުޅުއްވާތީ. އުމުރަށް އެތާ އެކި ހުއްޖަތު ދައްކަވައިގެން ހުންނަވަން އުޅުއްވާތީ އެއީ އެބޭފުޅާއަށް ވެސް ވޯޓުލީ މީހުން ގަބޫލުކުރާ ކަމެއް ނޫން. އެބޭފުޅާއަށް ވޯޓުލީ ކިތަންމެ ބަޔަކު ބުނޭ ތިމަންނަމެން އެއެއް ގަބޫލު ނުކުރަމޭ. ތިމަންނަމެން މިހާރު މިތިބީ މިހާރު ވޯޓެއް ނެގިޔަސް ކަލޭމެންނާއެކު ކުރިއަށްދާށޭ،" މާރިޔާ ވިދާޅުވިއެވެ.
ބަލިގަބޫލުފުޅު ނުކުރައްވައި ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލަ އެ ކޯޓުން ބަލައިގަތީ އެމަނިކުފާނު ދެކެ ބިރުން ކަމަށާއި ނަމަވެސް ރައްޔިތުންގެ ނިންމުމާ ދެކޮޅަށް އެ ކޯޓުން މައްސަލަ ނިންމަވަފާނެކަމަށް ގަބޫލުނުކުރައްވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.
"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެ ހުރަފާ ކުރިމަތީގަ ތިބި ހަ މީހުންނާ އެއްގޮތަށް ތިބެފާނެ ކަމަށް ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަސް ފަނޑިޔާރުން. ދެން އެތާ އެތިބޭ ރައީސް ޔާމީންގެ ތަރުޖަމާނަކާ އެތާ އެވާހަކަ ދައްކާ މީހުންނެކޭ ސުޕްރީމް ކޯޓުގަ އެ ތިއްބަވާ ފަސް ފަނޑިޔާރުންނެކޭ އެއްވަރުވީމަކާ ދެން ކަމަކު ނުދޭ ނޫންތޯ،" މާރިޔާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައްޔިތުން ބަލައިނުގަންނަ ވެރިޔަކު އެފަދަގޮތަކަށް އަމަލުކުރަމުންދާތީ އިދިކޮޅު ކޯލިޝަނުން ކަންބޮޑުވާ ކަމަށެވެ.
އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނުކަން ވެސް ކުރައްވާ މާރިޔާ ވިދަޅުވީ ވެރިކަން ބަދަލުވުމުގެ ކަންތައްތަކާ ގުޅޭގޮތުން ޓްރާންސްސިޝަން ކޮމެޓީތަކުން މިނިސްޓްރީތަކާ ބައްދަލުކޮށް ދެކެވުނު ވާހަކަތަކުގައި އިންތިޚާބުން ބަލިވުމުން ކޯޓަށް މައްސަލަ ހުށަހެޅުމަކީ ގަބޫލުކުރާ ކަމެއް ނޫން ކަމަށް ބައެއް މިނިސްޓަރުން ވެސް ވިދާޅުވެފައިވާ ކަމަށެވެ.
އޮޅުވާލި ވޯޓުގެ ނަމުގައި ކޮންމެރެއަކު ޕީޕީއެމް އޮފީސް ކައިރީ ބާއްވާ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވެސް އިންތިޚާބީ ރައީސަށް މަރުހަބާ ދަންނަވައި މެސެޖު ކުރެއްވި ކަމަށާއި މިހާރު އެފަދަ ގޮތަކަށް މުއާޒު އުޅުއްވަނީ ރައީސް ޔާމީން ވިދާޅުވެގެން ކަމަށް މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ ފުލުހުންނާއި ސިފައިން ވެސް ވަނީ ރައްޔިތުންގެ ނިންމުން ބަލައިގެންފައި ކަމަށާއި އެހެންކަމުން ރައްޔިތުންގެ ނިންމުން ސާފުނުވާކަމަށް ކޯޓަކަށް ބުނެވޭނެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށެވެ.
އިންތިޚާބު ބާތިލްކުރުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމަށްފަހު ރައީސް ޔާމީންގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރު މުހައްމަދު ސަލީމް (ރޭނިސް ސަލީމް) ވިދާޅުވީ ކޯޓަށް މައްސަލަ ހުށަހެޅީ ޕީޕީއެމްގެ އެތައް މެމްބަރުންނާއި އަދި އެނޫންވެސް ދިވެހި ރައްޔިތުން ޝަކުވާތަކެއް ހުށަހަޅާފައިވާތީ އެކަމުގެ މައްޗަށް ރިއާޔަތްކުރުމަށްފަހު ކަމަށެވެ.