ބިލިއާޑް

ބިލިއާޑް: މިކްސް ޑަބަލްސް ޗެމްޕިއަންކަން ފަޔާޒާއި ދީނާއަށް

ނޭޝަނަލް ބިލިއާޑް ސެންޓަރުގައި މިހާރު ކުރިއަށްދާ މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ "ލިޓަސް ނޭޝަނަލް ބިލިއާޑް ޗެމްޕިއަންޝިޕް 2022" ގެ މިކްސް ޑަބަލްސް އިވެންޓްގެ ޗެމްޕިއަންކަން އަލީ ފަޔާޒާއި ދީނާ އަހުމަދު ހޯދައިފިއެވެ.

ފަޔާޒާއި ދީނާ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ހުސެން ފަޔާޒް އަދި އާމިނަތު ފާތީގެ ޕެއާ 7-6 އިން ބަލިކޮށްގެންނެވެ. މުބާރާތް ކުޅުނީ ތިން ސެމީގެ އުސޫލަކުން ކަމަށްވީ އިރު، ސެމީގައި ދެ ޕެއާގެ ކުރިމަތިލުމުގައި ދީނާ އާއި އަލީ ފަޔާޒް މޮޅުވީ 4-5 އިންނެވެ. ފައިނަލުގެ ޖާގަ ހޯދަން ކުޅުނު ސެމީގެ ފަހު މެޗުގައި ފާތީ އާއި ހުސެއިން ފަޔާޒް މޮޅުވީ ހަސަން ޝާޒް މުހައްމަދާއި އައިމިނަތު އަޒްރާގެ ޕެއާ އަތުންނެވެ. އެ މެޗުން ފަޔާޒާއި ފާތީ މޮޅުވީ 5-4 އިންނެވެ.

ގައުމީ ބިލިއާޑް މުބާރާތުގެ ފިރިހެން ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ޝާޒާއި އަހުމަދު އިޔާދު ސައީދުގެ ޕެއާ އިންނެވެ. ފުރަތަމަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ މުހައްމަދު ސާހިލް ހަމީދެވެ. އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ އާއިޝަތު އަލީއެވެ.

ގައުމީ ބިލިއާޑް މުބާރާތުގައި ދެން އޮތީ ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށްޓަށް ކުޅެވޭ ޓީމު އިވެންޓްގެ ބައެވެ. ލީގު އުސޫލުން ކުޅޭ ޓީމު އިވެންޓް ބައިގައި ފަސް ޓީމެއް ވާދަކުރެއެވެ. އެއީ މިދިޔަ އަހަރުގެ ޓީމު އިވެންޓް ޗެމްޕިއަން ކަމަށްވާ ކްލަބް އީގަލްސްގެ އިތުރުން ކަސްޓަމްސް ރެކްރިއޭޝަން ކްލަބާއި އައިލޭންޑާސް ހޯޕް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ދިވެހި ސިފައިންގެ ކްލަބެވެ.