މޯލްޑިވިއަން

ފުލައިޓަށް ދިމާވީ ޓެކްނިކަލް މައްސަލައެއް، ފަސިންޖަރުންގެ ކިބައިން މައާފަށް އެދެން: މޯލްޑިވިއަން

މާލެއިން ފުރައިގެން އައްޑޫ ސިޓީ ގަމަށް އިއްޔެ ދަތުރުކުރި މޯލްޑިވިއަންގެ ފުލައިޓަށް ދިމާވެފައިވަނީ ޓެކްނިކަލް މައްސަލައެއް ކަމަށް ގައުމީ އެއާލައިން މޯލްޑިވިއަނުން ބުނެފިއެވެ.

މޯލްޑިވިއަނުން މިއަދު ނެރުނު ބަޔާނުގައި ވަނީ ފުލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައާ ގުޅިގެން ކުރޫއިންނަށް ދިން އެއްބާރުލުމަށްޓަކައި ފަސިންޖަރުންގެ ކިބައިން މައާފަށް އެދި ޝުކުރު ދަންނަވައިފައެވެ.

ގައުމީ އެއާލައިނުން ބުނީ ގައުމީ އެއާލައިނަކީ ރާއްޖޭގެ ސިވިލް އޭވިއޭޝަނާއި ދުނިޔޭގެ ވައިގެ ދަތުރުފަތުގެ ދާއިރާ (އިކާއޯ)ގެ އެންމެހައި މިންގަނޑުތަކާ އެއްގޮތަށް އޮޕަރޭޓް ކުރަމުން ގެންދާ އެއާލައިންއެއް ކަމަށެވެ.

އަދި ސިވިލް އޭވިއޭޝަނުން ގަވައިދުން ސޭފްޓީ އޮޑިޓް ކުރާ ކުންފުންޏެއް ކަމަށާއި ފަސިންޖަރުންނާއި ކްރޫއިންގެ ރައްކާތެރިކަމަކީ އެ ކުންފުނިން އެންމެ އިސްކަން ދޭ ކަންތައްތައް ކަމަށެވެ.

މާލެއިން ފުރައިގެން ގަމަށް ޖެއްސި އެ ފްލައިޓުގައި ކުޑަކުއްޖަކާއެކު 45 ފަސިންޖަރުން ތިއްބެވެ. އެހެންނަމަވެސް ދިމާވި ޓެކްނިކަލް މައްސަލައާ ގުޅިގެން ފްލައިޓް ވައިގެ ތެރޭގައި އެއް ގަޑިއިރާއި 20 މިނެޓު މަޑުކުރަން ޖެހުނު ކަމަށް މޯލްޑިވިއަނުން ބުނެފައިވެއެވެ.