ގައުމީ އެއާލައިން، މޯލްޑިވިއަންގެ އެތެރޭގެ މަންޒިލްތަކަށް ދަތުރުކުރާ ފަސިންޖަރުންނަށް އަންނަ މަހުގެ 13 ވަނަ ދުވަހުން ފެށިގެން "ޕްރިމިއަމް އިކޮނޮމީ އެކްސްޕީރިއަންސް" ތައާރަފް ކުރާނެ ކަމަށް އެ އެއާލައިނުން ބުނެފިއެވެ.
މޯލްޑިވިއަންގެ މީޑިއާ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، މޯލްޑިވިއަނުން ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް މުޅިން އަލަށް، ޕްރިމިއަމް އިކޮނޮމީ ކްލާސްގައި ދަތުރުކުރާ ފަަރާތްތަކަށް ހާއްސަ އޮފާތަކެއް ލިބޭނެ ކަމަށާއި އެ އޮފާތައް ކުރިއަށް އޮތް ތަނުގައި ވެސް އެ އެއާލައިންގެ އެތެރޭގެ މަންޒިލްތަކަށް ޕްރިމިއަމް އިކޮނޮމީގައި ދަތުރުކުރާ ފަސިންޖަރުންނަށް ލިބޭނެ ކަމަށެވެ.
މޯލްޑިވިއަނުން ނެރުނު ބަޔާނެއްގައިވާ ގޮތުން "ޕްރިމިއަމް އިކޮނޮމީ" ގައި ދަތުރުކުރާ ފަސިންޖަރުންނަށް ދަތުރުކުރުމުގައި އެތައް ފަސޭހައެއް ލިބި ތަފާތު ތަޖުރިބާތަކެއް ކުރެވޭނެއެވެ. އެގޮތުން، 25 ކިލޯގެ ބެގެޖު އެލަވަންސާއި އިތުރު ޗާޖަކާ ނުލައި ޓިކެޓުގެ ތާރީހު އެއް ފަހަރު ބަދަލުކުރެވުމާއި އަވަހަށް ޗެކިންގެ ހިދުމަތް ލިބުން ފަދަ ކަންކަން ހިމެނެއެވެ.
މޯލްޑިވިއަނުން ބުނީ، މާލެއިން އަންނަ ފްލައިޓުތަކުން ދަތުރުކުރާ ފަސިންޖަރުންނަށް މޫނިމާ ލައުންޖަށް ވަދެ، ދަތުރުގެ ކުރިން އަރާމުކޮށްލައި، އެ ލައުންޖުގެ ރިފްރެޝްމެންޓާއި އެހެނިހެން ވަސީލަތްތައް ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ދަރަވަންދޫ އާއި އިފުރުން ފުރާ ފަސިންޖަރުންނަށް ވެސް އެ އެއާޕޯޓުގެ ލައުންޖްތަކަށް ވަދެ ހިދުމަތް ހޯދޭނެ ކަމަށް ބުންޏެވެ.
ޕްރިމިއަމް އިކޮނޮމީގައި ދަތުރުކުރާ ފަސިންޖަރުންނަށް ފްލައިޓުގައި ކޮމްޕްލިމެންޓަރީ ނާސްތާއަކާއި ބުއިމެއްވެސް ލިބޭނެ ކަމަށާއި އެ މީހުންނަށް ފާސްޓް ޓްރެކް ބެގޭޖު ހެންޑަލިންގެ ހިދުމަތް ވެސް ލިބޭނެ ކަމަށްވެސް މޯލްޑިވިއަނުން ބުންޏެވެ. އެއީ އެ މީހުންގެ ލަގެޖު އަވަހަށް ޑެލިވާކުރުމެވެ.
މޯލްޑިވިއަނުން މިހާރު ވަނީ އަލަށް ތައާރަފުކުރި ޕްރިމިއަމް އިކޮނޮމީގެ ޓިކެޓުތައް ވިއްކަން ހުޅުވާލައިފައެވެ. އެ ޓިކެޓު އެ އެއާލައިންގެ ވެބްސައިޓް، މޮބައިލް އެޕް ނުވަތަ އެހެނިހެން ބުކިން ޗެނަލްތައް މެދުވެރިކޮށް ފަސޭހަކަމާއެކު ބުކް ކުރެވޭނެއެވެ.