ޚަބަރު

ޕްރިމިއާ އިކޮނޮމީ ޓިކެޓް ތައާރަފުކުރިޔަސް، އިކޮނޮމީގެ ޓިކެޓް ގަންނަން ދައްޗެއް ނުވާނެ: މޯލްޑިވިއަން

މުހައްމަދު އިޝާން

ގައުމީ އެއާލައިން، މޯލްޑިވިއަންގެ އެތެރޭގެ މަންޒިލްތަކަށް ދަތުރުކުރާ ފަސިންޖަރުންނަށް އަންނަ މަހުގެ 13 ވަނަ ދުވަހުން ފެށިގެން "ޕްރިމިއަމް އިކޮނޮމީ އެކްސްޕީރިއަންސް" ތައާރަފުކުރިޔަސް، އިކޮނޮމީ ޓިކެޓް ގަންނަން އެއްވެސް ދައްޗެއް ކުރިމަތިނުވާނެ ކަމަށް މޯލްޑިވިއަނުން ބުނެފިއެވެ.

މޯލްޑިވިއަނުން "ޕްރިމިއަމް އިކޮނޮމީ އެކްސްޕީރިއަންސް" ތައާރަފުކުރަން ނިންމުމުން، އިކޮނޮމީ ޓިކެޓް ގަންނަން ނުލިބޭނެ ކަމަށް ބައެއް މީހުން ވަނީ ސޯޝަލް މީޑިއާގައި ބުނެފައެވެ.

އެކަމާ ގުޅިގެން މޯލްޑިވިއަންގެ އޮފިޝަލަކު "ވަން" އަށް މިރޭ ވިދާޅުވީ މޯލްޑިވިއަނުން އިކޮނޮމީ ޓިކެޓް ވިއްކުން ހުއްޓައިނުލާނެ ކަމަށެވެ. އިކޮނޮމީ ޓިކެޓުގައި ދަތުރުކުރަން ބޭނުންވާ މީހުންނަށް އެ ޓިކެޓް ގަނެވެން ހުންނާނެ ކަމަށެވެ.

"އިކޮނޮމީގައި ދަތުރުގައި ކުރަން ބޭނުންވާ މީހުންނަށް އިކޮނޮމީ ޓިކެޓް ލިބެން ހުންނާނެ، އިކޮނޮމީ ޓިކެޓުގެ އަގުވެސް ބޮޑެއް ނުވާނެ އަދި ވިއްކުން ވެސް ހުއްޓައެއް ނުލާނެ. ޓިކެޓް ބުކް ކުރާއިރު ހުންނާނެ ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާސް ވެސް. އިކޮނޮމީ ޓިކެޓް ގަންނަން އެއްވެސް ދައްޗެއް ނުވާނެ،" އޮފިޝަލް ވިދާޅުވިއެވެ.

މޯލްޑިވިއަންގެ މީޑިއާ އޮފިޝަލަކު "ވަން" އަށް މިމަހުގެ 19 ވަނަ ދުވަހު ވިދާޅުވެފައިވަނީ މޯލްޑިވިއަނުން ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް މުޅިން އަލަށް، ޕްރިމިއަމް އިކޮނޮމީ ކްލާސްގައި ދަތުރުކުރާ ފަަރާތްތަކަށް ހާއްސަ އޮފާތަކެއް ލިބޭނެ ކަމަށާއި އެ އޮފާތައް ކުރިއަށް އޮތް ތަނުގައި ވެސް އެ އެއާލައިންގެ އެތެރޭގެ މަންޒިލްތަކަށް ޕްރިމިއަމް އިކޮނޮމީގައި ދަތުރުކުރާ ފަސިންޖަރުންނަށް ލިބޭނެ ކަމަށެވެ.

މޯލްޑިވިއަނުން ނެރުނު ބަޔާނެއްގައިވާ ގޮތުން "ޕްރިމިއަމް އިކޮނޮމީ" ގައި ދަތުރުކުރާ ފަސިންޖަރުންނަށް ދަތުރުކުރުމުގައި އެތައް ފަސޭހައެއް ލިބި ތަފާތު ތަޖުރިބާތަކެއް ކުރެވޭނެއެވެ. އެގޮތުން، 25 ކިލޯގެ ބެގެޖު އެލަވަންސާއި އިތުރު ޗާޖަކާ ނުލައި ޓިކެޓުގެ ތާރީހު އެއް ފަހަރު ބަދަލުކުރެވުމާއި އަވަހަށް ޗެކިންގެ ހިދުމަތް ލިބުން ފަދަ ކަންކަން ހިމެނެއެވެ.

މޯލްޑިވިއަނުން ބުނެފައިވަނީ މާލެއިން އަންނަ ފްލައިޓުތަކުން ދަތުރުކުރާ ފަސިންޖަރުންނަށް މޫނިމާ ލައުންޖަށް ވަދެ، ދަތުރުގެ ކުރިން އަރާމުކޮށްލައި، އެ ލައުންޖުގެ ރިފްރެޝްމެންޓާއި އެހެނިހެން ވަސީލަތްތައް ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ދަރަވަންދޫ އާއި އިފުރުން ފުރާ ފަސިންޖަރުންނަށް ވެސް އެ އެއާޕޯޓުގެ ލައުންޖްތަކަށް ވަދެ ހިދުމަތް ހޯދޭނެ ކަމަށް ބުނެފައިވެއެވެ.

ޕްރިމިއަމް އިކޮނޮމީގައި ދަތުރުކުރާ ފަސިންޖަރުންނަށް ފްލައިޓުގައި ކޮމްޕްލިމެންޓަރީ ނާސްތާއަކާއި ބުއިމެއްވެސް ލިބޭނެ ކަމަށާއި އެ މީހުންނަށް ފާސްޓް ޓްރެކް ބެގޭޖު ހެންޑަލިންގެ ހިދުމަތް ވެސް ލިބޭނެ ކަމަށްވެސް މޯލްޑިވިއަނުން ބުނެފައިވެއެވެ. އެއީ އެ މީހުންގެ ލަގެޖު އަވަހަށް ޑެލިވާކުރުމެވެ.

މޯލްޑިވިއަނުން މިހާރު ވަނީ އަލަށް ތައާރަފުކުރި ޕްރިމިއަމް އިކޮނޮމީގެ ޓިކެޓުތައް ވިއްކަން ހުޅުވާލައިފައެވެ. އެ ޓިކެޓު އެ އެއާލައިންގެ ވެބްސައިޓް، މޮބައިލް އެޕް ނުވަތަ އެހެނިހެން ބުކިން ޗެނަލްތައް މެދުވެރިކޮށް ފަސޭހަކަމާއެކު ބުކް ކުރެވޭނެއެވެ.