ދުނިޔެ

ތޫފާން މައިކަލްގައި މަރުވި މީހުންގެ އަދަދު 17 އަށް އަރައިފި

މުހައްމަދު އައުޒަމް

އެމެރިކާގެ ފްލޮރިޑާއަށް އެރި ތޫފާން މައިކަލްގައި މަރުވި މީހުންގެ އަދަދު 17އަށް އަރާ ހާހަކަށްވުރެން ގިނަ މީހުން ވަނީ ގެއްލިފައެވެ.

ކެޓަގަރީ ހަތަރެއްގެ މިތޫފާން ފްލޮރިޑާއަށް އަރަމުންދިޔައިރު ވައިޖެހެމުން ދިޔައީ ގަޑިއަކު 155 މޭލުގެ ބާރުމިނުގައެވެ. ފަސްލައްކަ އަށް ވުރެން ގިނަ ގެތަކުން ކަރަންޓު ކެނޑިފައިވާއިރު އެތައް ހާސް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.

ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުން އަންނަ އިރު މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

ގެއްލުން ލިބިފައިވާ ސަރަހައްދުގައި ހުރި ގެތަކުގައި ތާށިވެފައި ވެސް މީހުން ތިބިކަމަށް ރެސްކިއު ޓީމުތަކުން އަންނަނީ ބުނަމުންނެވެ. އަދި ގެއްލިފައިވާ މީހުންގެ މައުލޫމާތު އެއްކުރަމުން އަންނަ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ހާލުގައި ޖެހިފައިވާ ހިސާބަށް އެހީގެ ތަކެތި ފޯރުކޮށްދިނުމަށް ވައިގެ މަގުން އެހީގެ ތަކެތި ފޯރުކޮށްދެމުން ދާކަމަށް އޮފިޝަލުން މައުލޫމާތު ދެއެވެ. އަދި ވަގުތީ ހިޔާއަށް މީހުން ބަދަލުކޮށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ތޫފާން މައިކަލް ރިކޯޑުކުރެވިފައި ވަނީ އެމެރިކާއަށް މިހާތަނަށް އެރި ތޫފާން ތަކުގެތެރެއިން ހަތަރުވަނަ އަށް އެންމެ ބަރުގަދަ ތޫފާންގެ ގޮތުގައެވެ.