ދުނިޔެ

މާސްއަށް ފައިބާ އެންމެ ފުރަތަމަ އިންސާނަކީ އަންހެނަކަށްވުން އެކަށިގެންވޭ: ނާސާ

އަހުމަދު ޖައިޝަން

ރެޑް ޕްލެނެޓް ކަމަށްވާ މާސް އަށް ފައިބާ ފުރަތަމަ އިންސާނަކީ އަންހެނަކަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ނޭޝަނަލް އެރޮނޯޓިކްސް އެންޑް ސްޕޭސް އެޑް މިނިސްޓްރޭޝަން (ނާސާ)އިން ބުނެފިއެވެ.

ސައިންސް އެންޑް ޓެކްނޮލޮޖީ ރޭޑިއޯ ޝޯއެއް ކަމަށްވާ "ސައިންސް ފްރައިޑޭ"ގައި ވާހަކަފުޅު ދައްކަވަމުން ނާސާގެ އެޑްމިނިސްޓްރޭޓާ ޖިމް ބްރައިޑެންސްޓީން ވިދާޅުވީ މާސް ޕްރޮޖެކްޓްގައި އެންމެ ފުރަތަމަ އެ ޕްލެނެޓަށް ފައިބާ އިންސާނަކީ އަންހަކަށް ވުން ވަރަށް އެކަށީގެންވާ ކަމަށެވެ.

ވަކި ފަރާތެއް ފާހަގަ ނުކުރައްވާ އޭނާ ވިދާޅުވީ ނާސާގެ ކުރިއަށްހުރި ގިނަ ޕްލޭންތަކުގެ އިސް ސަފުގައި ހަރަކާތްތެރިވަމުން ދަނީ އަންހެނުން ކަމަށެވެ.

ޖިމް އެ ޝޯއަށް ވަޑައިގަތުމުން ޓްވިޓާގައި އޭނައަށް ގިނަ ސުވާލުތަކެއް ފޮނުވިއެވެ. އެއިން އެއް ސުވާލަކީ ހަނދަށް އަންހެން އެސްޓްރޯނަޓެއް ފޮނުވުމާ ގުޅޭގޮތުން ކުރި ސުވާލެކެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ޖިމް ވިދާޅުވީ ދެން އެންމެ އަވަހަށް ހަނދަށް ދާނެ އިންސާނަކީވެސް އަންހެނަކަށް ވުން އެކަށީގެންވާ ކަމަށެވެ.

ތާރީހުގައި ފުރަތަމަ ފަހަރަށް ހަމައެކަނި އަންހެން އެސްޓްރޯނަޓުންގެ ކްރޫއެއް އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް)ގައި ސްޕޭސްވޯކް އެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ނާސާއިން ބުނީ އެކްސްޕެޑިޝަން 59ގެ ދަށުން ނާސާގެ އެސްޓްރޯނަޓު، އޭން މެކްލޭން އާއި ކްރިސްޓީނާ ކޮޗް މިމަހުގެ 29ގައި ސްޕޭސްވޯކް ކުރާނެ ކަމަށެވެ.

އެ ހަރަކާތުގައި ބިމުގައި ހުރެ އެހީތެރިކަން ފޯރުކޮށްދޭނީވެސް އަންހެނުން ކަމަށް ނާސާއިން ބުންޏެވެ.