އިންސާނުންގެ ފެށުމަކީ ރާމާމަކުނު ކަމަށް ބުނި އިނގިރޭސި އިލްމުވެރިޔާ ޗާލްސް ޑާވިންގެ އޮޓޮގްރާފަކަށް ބޮޑު އަގެއް ހޯދުމަށްޓަކައި ނީލަމަށް ލައިފިއެވެ. ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ތެރޭގައި ނީލަންކިޔުމަށް ހަމަޖެހިފައިވާ މި އޮޓޮގްރާފް ފަސްލައްކަ ޕައުންޑާއި ހަތްލައްކަ ޕައުންޑާ ދޭތެރޭގެ އަގަކަށް ވިކޭނެ ކަމަށް ވަނީ އަންދާޒާ ކުރެވިފައެވެ.
ނީލަމަށް ލެވުނު އޮޓޮގްރާފަކީ މީލާދީން 1865 ވަނަ އަހަރު ޗާލްސް ޑާވިން އަތުން ލިޔެފައި ސޮއިކޮށްފައިވާ އޮޓޮގްރާފެކެވެ. މިއީ އޭގެ ހަތަރު އަހަރު ކުރިން އޭނާ ލިޔެ ޝާއިއުކުރި ދިރުންތަކުގެ ފެށުމާ ބެހޭ ފޮތާއިމެދު ދެތިން ޖުމްލަ ލިޔެފައި ސޮއިކޮށްދިނުމަށް އިނގިރޭސިވިލާތުގެ މަޖައްލާއެއްގެ އެޑިޓަރު އެދުނީމާ އަމިއްލައަތުން ލިޔެފައި ސޮއިކޮށްދީފައިވާ އޮޓޮގްރާފެކެވެ. އެދުވަސްވަރުވެސް އަދި އޭގެފަހުންވެސް ޗާލްސް ޑާވިންއަކީ ބާވައިލެއްވި ފޮތްތަކުގައި ބަޔާންވެފައި ހުންނަ ހަގީގަތްތަކަށް އިންކާރުކުރާ މީހެއްގެ ގޮތުގައި ވަރަށް މަޝްހޫރު މީހެކެވެ.
ޗާލްސް ޑާވިންގެ ފޮތްތަކުގެ ތެރެއިން އެންމެ ބޮޑަށް މައްސަލަ ޖެހުނު ފޮތަކީ 1871 ވަނަ އަހަރު އޭނާ ނެރުނު ފޮތެވެ. އިންސާނުންގެ ފެށުމާމެދު ލިޔެފައިވާ މިފޮތުގައި އޭނާ ބަޔާންކޮށްފައިވަނީ އިންސާނާއަކީ އެވޮލިއުޝަނުގެ ނަތީޖާ ކަމަށާއި އިންސާނުންގެ ނަސްލު ފެށެނީ ރާމާމަކުނާ ހަމައިން ކަމުގައެވެ. ޑާވިންގެ މި ތިއަރީ ނުވަތަ ވިސްނުމަކީ ނަސާރާ ފައްޅިތަކުންވެސް ނުހަނު ބޮޑަށް ދެކޮޅުހެދި ތިއަރީއެކެވެ. އެކަމަކު އިލްމުވެރިއެއްގެ އިލްމީ ދިރާސާއެކޭ ބުނެފައި ފިޔަވަޅެއް ނާޅައެވެ. މިހާރު ނީލަމަށްލައިގެން އުޅޭ އޮޓޮގްރާފަކީ މިދެންނެވި ފޮތް ނެރުމުގެ ހަ އަހަރުކުރިން ދީފައިވާ އޮޓޮގްރާފެކެވެ.
ޗާލްސް ޑާވިންގެ ތިއަރީތައް ގަބޫލުކުރާ މީހުން ސައިންސް ކޮމިއުނިޓީގައި ގިނަކަމާއެކު އޭނާގެ އޮޓޮގްރާފް އިސާހިތަކު ކޮންމެވެސް މަހުޖަނަކު ގެންފާނެ ކަމަށް ވަނީ ގަބޫލުކުރެވިފައެވެ. ޑާވިންގެ ދުވަސްވަރު އޭނާގެ އެވޮލިއުޝަން ތިއަރީއަކީ އޭނާގެ އަންހެނުންނާއި ކުދިންވެސް ގަބޫލުކުރި ތިއަރީއެއް ނޫނެވެ. ޗާލްސް ޑާވިންގެ ދިހަ ކުދިން ތިއްބެވެ. އޭނާގެ އަންހެނުން އެއްމާ ވެޖްވުޑްގެ ޑައިރީގައި އޭނާ ލިޔެފައިވެއެވެ. ފިރިމީހާގެ ލާދީނީކަން ކިތަންމެ ބޮޑަސް ޒުވާބުކުރަންޖެހޭތީ އެވާހަކަ ނުދައްކަނީއެވެ. ކޮންމެވެސް ދުވަހަކުން ހެޔޮގޮތް ވިސްނޭނޭކަމަށް ހީކުރަމެވެ.