ދުނިޔެ

ރަސްގެފާނު ޗާލްސްގެ ނަހަލާލު ދަރިއެއްކަމަށް ބުނާ މީހާ އަނެއްކާވެސް އައު ތުހުމަތުތަކެއްކޮށްފި

1

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސްއާއި ރާނީ ކެމީލާގެ ނަހަލާލު ދަރިއެއްކަމަށް ދައުވާކުރަމުން އަންނަ ސައިމަން ޑުރާންޓޭ އަނެއްކާވެސް އައު ތުހުމުތަކެއް ފެންމަތިކޮށްފިއެވެ. އޭނާ މިހާރު ބުނަނީ އެދެބޭފުޅުންނާ އޭނާ ވައްތަރުކަމުން ސިފައަށް ބަދަލު ގެނައުމަށްޓަކައި ކުޑައިރު އޮޕަރޭޝަންތަކެއްވެސް ކޮށްފައިވާ ކަމުގައެވެ.

ޑުރާންޓޭ ބުނާގޮތުގައި އޭނާއަކީ އުމުރުން 17 އަހަރުގެ ޗާލްސް އާއި 18 އަހަރުގެ ކެމީލާއަށް 1965 ވަނަ އަހަރު ލިބިފައިވާ ނަހަލާލު ދަރިއެއް ކަމުގައެވެ. މިކަން ފޮރުވައި އޭނާގެ ސިފަޔަށްވެސް ބަދަލު ގެނައުމުގެ ގޮތުން އުމުރުން އެންމެ 8 އަހަރުގައި ލޮލުގެ އޮޕަރޭޝަނެއްކޮށް ލޮލުގެ ކުލަ ނުލުން މުށްޓަށް ބަދަލުކުރެވިފައިވާ ކަމަށް ޑުރާންޓޭ މިހާރު އެބަބުނެއެވެ.

އޭނާގެ އުމުރުން އެންމެ ފަނަރަ އަހަރުގައި ދަތްޕިލައަށްވެސް ބަދަލު ގެނައުމަށްޓަކައި ދަތެއް އުފުރާލާފައިވާ ކަމަށާއި މިއީވެސް ޗާލްސްއާއި ވައްތަރު ނޫންކަން ދެއްކުމަށް އިނގިރޭސި ޝާހީ އާއިލާއިން ރާވައިގެން ހިންގާފައިވާ ޖަރީމާއެއް ކަމަށް ޑުރާންޓޭ ބުނެއެވެ. އޭނާ ވިހެއުމަށްފަހު ޔަތީމު ޚާނާއަކަށް ދޫކޮށްލީ ކަމަށާއި އުމުރުން އެންމެ 8 މަހުގައި ބަޔަކު ލައްވައި އެޑަޕްޓް ކުރުވައިގެން އިނގިރޭސިވިލާތުންވެސް ބޭރުކޮށް އޮސްޓްރޭލިޔާއަށް ގެންދިޔައީކަމަށް ބުނެއެވެ.

ޑުރާންޓޭ ބުނާގޮތުގައި ޗާލްސްއަށް ރަސްކަން ލިބިވަޑައިގަތީމާ އިނގިރޭސިވިލާތުގެ ހަގީގީ ވަލީއަހުދަކީ މިހާރު އޭނާއެވެ. އޭނާއަށް މިހާރު އޮންނަންޖެހޭ ލަގަބަކީ ޕްރިންސް އޮފް ވޭލްސްގެ ލަގަބެވެ. އޭނާ ހަދަނީ ދޮގެއްކަމަށް ޝާހީ އާއިލާއިން ސާބިތުކޮށްދޭން ބޭނުންވާނަމަ ޗާލްސްއާއި ކެމީލާގެ ޑީއެންއޭ ހަދައި އޭގެ ނަތީޖާ އާއްމު ކުރުމަށް ޑުރާންޓޭ ވަނީ ރަސްގެފާނު ޗާލްސްއަށް ގޮވާލައިފައެވެ. "ތިޔައީ އަހަރެންގެ ބައްޕަ ނޫންކަމަށްވަންޏާ ޑީއެންއޭގެ އަލީގައި އެކަން ސާބިތުކޮށްދީ" ޑުރާންޓޭ ބުންޏެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟