މޯލްޑިވިއަން

މައްސަލައެއް ޖެހި ގިނައިރު މަތީގައި އޮތުމަށްފަހު މޯލްޑިވިއަންގެ ފްލައިޓެއް ކާމިޔާބު ކަމާއެކު ޖައްސައިފި

އަހުމަދު ޖައިޝަން

މޯލްޑިވިއަންގެ ފްލައިޓަކަށް ދިމާވި މެކޭނިކަލް މައްސަލައަކާ ގުޅިގެން ގިނައިރު ފްލައިޓު ލޭންޑު ނުކުރެވި އޮވެ ކާމިޔާބު ކަމާއެކު ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފި އެވެ.

މޯލްޑިވިއަނުން ބުނީ މެކޭނިކަލް މައްސަލައެއް ދިމާވީ ޑޭޝް8ގެ ފްލައިޓަކަށް ކަމަށެވެ.

މޯލްޑިވިއަންގެ ކިއު2-118 ފްލައިޓަށް ދިމާވި މައްސަލައަކީ އެ ފްލައިޓު ޖައްސަން އުޅުމުގެ ތެރޭގައި އޭގެ ފުރޮޅުގެ ހައިޑްރޯލިކަށް ދިމާވި މައްސަލައެކެވެ.

"ވަން އޮންލައިން"އަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ ޕީއާރު އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ މާލެއިން ނައްޓާލައިގެން އެ ފްލައިޓު ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމަށް ހަމަޖެހިފައި އޮތީ މިއަދު މެންދުރު 12:21ގައި ކަމަށެވެ.

ފްލައިޓު ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސަނީ -- ވިޑިއޯ : ޓްވިޓާ

އެހެންނަމަވެސް ދިމާވި މެކޭނިކަލް މައްސަލައާ ގުޅިގެން ފްލައިޓް ވައިގެ ތެރޭގައި އެއް ގަޑިއިރާ 20 މިނެޓު މަޑުކުރަން ޖެހުނު ކަމަށް އޭނާ ވިދާޅުވިއެވެ.

މޫސާ ވަސީމް ވިދާޅުވީ ފްލައިޓަށް ދިމާވި މައްސަލަ ހައްލުކުރުމަށްފަހު އެ ފްލައިޓް ޖައްސާފައި ވަނީ މިއަދު 13:37ގައި ކަމަށެވެ.

މޫސާ ވިދާޅުވިގޮތުގައި މާލެއިން ފުރައިގެން ގަމަށް ޖެއްސި އެ ފްލައިޓުގައި 45 ފަސިންޖަރުން ތިއްބެވެ. އޭގެތެރޭގައި ކުޑަކުއްޖެއް ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.