ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ތިން ވެރިއެއްގެ މައްޗަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތުކޮށްފައިވަނިކޮށް، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެބޭފުޅުންނާ ގުޅޭ ރިޕޯޓެއް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވައިފިއެވެ.
އޭސީސީން ފޮނުވި ރިޕޯޓުގައި އެސްއޯއެފް ކުންފުންޏާއި އެކު މުއާމަލާތް ކޮށްފައިވާތީ ސަރުކާރުން ސަސްޕެންޑް ކޮށްފައިވާ ބޭފުޅުންގެ ތެރޭގައި ހިމެނެނީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ފެން ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ވަތް އެސްއޯއެފް ކުންފުނިން، މަހުލޫފުގެ އެކައުންޓަށް 33000 ޑޮލަރު، އަދި އަކުރަމް ކަމާލުއްދީންގެ އެކައުންޓަށް 30000 ޑޮލަރު ޖަމާކޮށްފައިވާކަން އޭސީސީގެ ރިޕޯޓްގައި ވަނީ ހާމަކޮށްފައެވެ.
މަހުލޫފާއި އަކުރަމުގެ އިތުރުން މައުސޫމާ ގުޅޭ ރިޕޯޓެއް ރައީސަށް ފޮނުވި ނަމަވެސް އެމައްސަލައިގެ ތުހުމަތުގައި ސަސަޕެންޑްކުރި، އައިލެންޑް އޭވިއޭޝަންގެ ބޯޑު މެމްބަރު އަބްދުﷲ އާޒިމްގެ މައްސަލައާބެހޭ ރިޕޯޓެއް ފޮނުވާފައި ނުވާކަމަށް ވެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ އެސްއޯއެފް މެދުވެރިކޮށް 155 މީހެއްގެ އެކައުންޓަށް ޖަމާކޮށްފައިވެއެވެ. އޭގެތެރޭގައި ސިޔާސީ ބޭފުޅުންނާއި ރާއްޖޭގައި މަޝްހޫރު ގިނަ ކުންފުނިތައް ހިމެނެއެވެ.