އިމާދު ލަތީފު
ޔޫގެންޑާއަކީ އެފްރިކާގެ މެދުތެރޭގައިވާ ގައުމެކެވެ. އެތާގެ ރައީސަކީ ޔޮވޭރީ މުސެވިނީއެވެ. މިހާރު އުމުރުފުޅުން 78 އަހަރުވީ މުސެވިނީ، އެގައުމުގެ ވެރިކަން ކުރައްވާތާ 36 އަހަރު ވެއްޖެއެވެ. ދާޚިލީ ހަނގުރާމައެއްގައި ސަރުކާރު ވައްޓާލައްވައި ވެރިކަން ފެއްޓެވީ 1986 ގައެވެ. ވެރިކަން ކުރައްވަމުން ގެންދަވަނީ ދަގަނޑު އަތްޕުޅަކުންނެވެ. މުސެވިނީގެ ވެރިކަމުގެ ކުރީކޮޅު ތައާރަފުކުރެވުނު ގާނޫނުއަސާސީގައި ރައީސަކަށް ވިދިވިދިގެން މަގާމުގައި ހުންނެވޭނީ ގިނަވެގެން ދެ ދައުރުގައި ކަމަށް ބަޔާންކުރެވުނަސް މުޅި އުމުރަށް ވެރިކަމުގައި ހުންނެވުމުގެ ނިޔަތުގައި 2005 ވަނަ އަހަރު އެ މާއްދާ ވަނީ އުވާލައްވައިފައެވެ. މިހާރު ވަކި މުއްދަތެއް ނެތެވެ. އުމުރުގައި ތަންއޮތް ވަރެކެވެ.
ކޮންމެ ޑިކްޓޭޓަރަކުވެސް އެމީހަކަށްފަހު ވެރިކަމަށް ގެންނާނޭ މީހަކު އިޚުތިޔާރު ކުރެއެވެ. އާއިލާގެ ތެރެއިންނެވެ. ގިނަފަހަރަށް އަމިއްލަ ދަރީންގެ ތެރެއިންނެވެ. އެންމެފަހުން ހުސްވި 2021 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބު، އެތައް މަކަރަކާއި އެތައް އޮޅުވައިލެއްވުމަކުން ކާމިޔާބު ކުރެެއްވުމަށްފަހު އައު ލަވައެއް މުސެވިނީ ގެންދަވަނީ ވިދާޅުވަމުންނެވެ. ރިޓަޔަރ ކުރައްވާ ވާހަކަ އެބަވިދާޅުވެއެވެ. އުމުރުފުޅުން 80 އަހަރުވީމާ ދެން ވެރިކަމުގައި ނުހުންނަވާނޭ ކަމަށް އެބަވިދާޅުވެއެވެ. މުސެވިނީއަށްފަހު ވެރިކަމަށް ގެންނަވަން އޭނާ ބޭނުންފުޅުވަނީ ދޮށީ ދަރިކަލުން މުހޫޒީ ކައިނެރުގަބާ އެވެ. އުމުރުފުޅުން މިހާރު 48 އަހަރުވީ މުހޫޒީއަކީ ޔޫގެންޑާގެ ސިފައިންގެ ޖެނެރަލެކެވެ. ހުސްވި ހަފުތާއާ ހަމަޔަށް އެއްގަމު ސިފައިންގެ ކޮމާންޑަރެވެ.
ހުސްވި ހަފުތާގައި ޖެނެރަލް މުހޫޒީ ވިދާޅުވި ވާހަކަފުޅަކާއި ދެއްވި އިންޒާރެއްގެ ސަބަބުން އިރުމަތީ އެފްރިކާގެ ގައުމުތަކަށް ނުހަނު ބޮޑު ސިހުމެއް ވަނީ ލިބިފައެވެ. ޚުދު ރައީސް މުސެވިނީއަށްވެސް ކުއްލި ސިހުމެއް ވަނީ ލިބިވަޑައިގެންފައެވެ. ޖެނެރަލް މުހޫޒީ ވިދާޅުވިއެވެ. އަވަށްޓެރި ކެންޔާގައި އޮންނަނީ ވަރަށް ހެއްވާ ގާނޫނުއަސާސީއެކެވެ. އެ ގާނޫނުއަސާސީގެ ސަބަބުން އޭނާގެ ރަހުމަތްތެރި އުހޫރޫ ކެންޔާޓާއަށް ރިޔާސަތުގެ ތިންވަނަ ދައުރެެއް ލިބިވަޑައެއް ނުގެންނެވިއެވެ. ވިދިވިދިގެން ދެ ދައުރަށްވުރެ އިތުރަށް ވެރިކަން ކުރެއްވޭނޭ މަގު ގާނޫނީ ގޮތުން ބަންދުވާތީއެވެ. ގާނޫނުގައި އޮތް އެއްޗެއް ބަދަލު ކުރެވޭނެއެވެ. ކުރެވެންވެސް ވާނެއެވެ. އެގޮތަށް ބަދަލު ނުކުރައްވައި މިއަހަރުގެ އޮގަސްޓްމަހު ވެރިކަމުން ފައިބައިވަޑައިގެންނެވީ ކީއްވެގެންކަމެއް ނޭނގެއެވެ.
ޖެނެރަލް މުހޫޒީ ވިދާޅުވި ގޮތުން ރައީސް ކެންޔާޓާ އެހެއްދެވީ ވަރަށް ބޮޑު ގޯހެކެވެ. ކެންޔާޓާ އެދިވަޑައިގެންފިނަމަ ޔޫގެންޑާގެ ސިފައިން ފޮނުވައިގެން ދެ ހަފުތާތެރޭ ކެންޔާގެ ވެރިރަށް ނައިރޯބީ ހިފައި ވެރިކަން ހޯދައިދެވިދާނެ ކަމަށްވެސް ޖެނެރަލް މުހޫޒީ ވިދާޅުވެފައިވެއެވެ. އެއީ ދާދި ފަސޭހަކަމެއް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. ޖެނެރަލް މުހޫޒީގެ މި ވާހަކަފުޅާ ގުޅިގެން ކެންޔާގެ ރައްޔިތުން ވަނީ ރަތަށް އަރައިފައެވެ. އޭނާއަކީ ކާކުތޯއާއި ފެންވަރު އޮޅިގެން އުޅެނީ ކީއްވެގެންތޯ ދަނީ ސުވާލު ކުރަމުންނެވެ. ކެންޔާގެ ސަރުކާރުންވެސް ވަނީ މި މައްސަލައިގައި ރައީސް މުސެވިނީއަށް ޝަކުވާ ފޮނުވައިފައެވެ. މާފަށް އެދިވަޑައިނުގެންފިނަމަ ގުޅުން ގޯސްވާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.
ޖެނެރަލް މުހޫޒީގެ އިންޒާރާއި ގުޅިގެން އޭނާއަކީ ހަމަބޭފުޅެއްތޯވެސް ބައެއް މީހުން ދަނީ ސުވާލު ކުރަމުންނެވެ. ރަހުމަތްތެރިޔަކަށް ކެންޔާގެ ވެރިކަން ހޯދައިދޭން ޔޫގެންޑާގެ ސިފައިން ފޮނުވައިގެން ދެ ހަފުތާތެރޭގައި ވެރިރަށް ނައިރޯބީ ހިފާނޭ ކަމަށް ވިދާޅުވާއިރު ކެންޔާއަކީ ޔޫގެންޑާއަށްވުރެ ތިންގުނަ ބޮޑު ގައުމެކެވެ. މީހުންވެސް ގިނަ ގައުމެކެވެ. ހުރިހާ ގޮތަކުންވެސް ޔޫގެންޑާއަށްވުރެ ފުދުންތެރި ގައުމެކެވެ. ކެންޔާގެ އަސްކަރިއްޔާވެސް ޔޫގެންޑާގެ އަސްކަރިއްޔާއަށްވުރެ ޒަމާނީވެފައި ވަރުގަދައެވެ. ދެގައުމުގެ އަސްކަރީ ކުރިމަތިލުމެއްގައި ތިލަފަތް ބަރުވުން ގާތީވެސް ކެންޔާގެ ކޮޅަށެވެ. ނައިރޯބީ ހިފުމަކީ ދެ ހަފުތާ ކީއްކުރަން، ދެ ގަރުނުންވެސް ޔޫގެންޑާއަށް ކުރެވޭނޭ ކަމެއް ނޫނެވެ. ކެންޔާ ބޭނުމިއްޔާ ޔޫގެންޑާގެ ކަރަށް ފިތައިލުމަކީ ނިކަން ފަސޭހަ ކަމެކެވެ.
އަވަށްޓެރި ގައުމުތަކާއި އެތަންތާގެ ގާނޫނަށް އިހުތިރާމް ކުރުމުގެ ސިފަ ޖެނެރަލް މުހޫޒީގެ ކިބަޔަކު ނެތެވެ. ބައިނަލްއަގުވާމީ ގާނޫނަކަށް، ގުޅުމަކަށް ރިއާޔަތް ކުރެއްވުމެއް ނެތެވެ. ބައްޕާފުޅު އުމުރުދުވަހު ވެރިކަން ކުރައްވާ ގޮތަށް އެހެން ގައުމުތަކުގެ ރަހުމަތްތެރިންވެސް ވެރިކަމުގައި ތިއްބެވުން ލާޒިމެވެ. ޔޫގެންޑާއަށް ބޭނުންވާ ތަކެތި ބޭރުން އެތެރެކުރުމުގެ ދޮރާށްޓަކީ ކެންޔާގެ މޮމްބާސާ ބަނދަރެވެ. ޔޫގެންޑާއަކީ ވަށައިގެން ބެދިފައި އޮންނަ ގައުމަކަށްވާތީ ކަނޑުގެ ބަނދަރެއް ނޯވެއެވެ. މޮމްބާސާ ބަންދުކޮށްލީމާ ޔޫގެންޑާ ބަންދުވީއެވެ. މިވަރުވެސް މުހޫޒީއަށް އެނގިވަޑައެއް ނުގަންނަވައެވެ. އެހެންވީމާ ރައީސް މުސެވިނީއަށް އެންމެފަހުން ޖެހިވަޑައިގަތީ އެއްގަމު ސިފައިންގެ ކޮމާންޑަރުކަމުން ޖެނެރަލް މުހޫޒީ ވަކިކުރެއްވުމަށެވެ. އެކަމަކު އެއީ ދަރިކަލުން ކަމަށްވީމާ ދެންވެސް ހުންނެވީ ރައީސްގެ މުޝީރުގެ ގޮތުގައެވެ. ކުރިއަށްވުރެ ގިނަ ތަރި ކޮނޑުމައްޗަށް އަރައި ފުލް ޖެނެރަލެއްގެ ރޭންކުގައެވެ.