އެންޓި ކޮރަޕްޝަން ކޮމިޝަން

އިންތިހާބީ ކޮރަޕްޝަން ހުއްޓުވުމުގެ ގޮތުން އޭސީސީން ކެންޑިޑޭޓުންގެ އަތްމަތީ ލީފްލެޓެއް ނެރެފި

މަރިޔަމް ޝަހުދާ

އިންތިހާބީ ކޮރަޕްޝަން ހުއްޓުވުމުގެ ގޮތުން މަޖިލީހުގެ އިންތިހާބުގައި ބައިވެރިވާ ކެނޑިޑޭޓުންނަށް ހާއްސަ، ކެންޑިޑޭޓުންގެ އަތްމަތީ ލީފްލެޓެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ނެރެފި އެވެ.

އޭސީސީގެ އަހަރީ ރިޕޯޓު ނެރުމަށްފަހު މިއަދު ހެނދުނު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން އެކޮމިޝަންގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވަނީ މަޖިލީހުގެ އިންތިހާބުގައި ބައިވެރިވެ ވަޑައިގަންނަވާ ކެނޑިޑޭޓުންނަށް ހާއްސަ އަތްމަތީ ލީފްލެޓެއް މިއަދުގެ ވަގުތެއްގައި ނެރުއްވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން އެކޮމިޝަނުގެ އޮފިޝަލް ޓުވިޓަ އެކައުންޓުގައި ވަނީ ކެނޑިޑޭޓުންގެ އަތްމަތި ލީފްލެޓް އާންމުކޮށްފައެވެ.

މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މުއައްވިޒު ވަނީ އިންތިހާބީ ކޮރަޕްޝަނަކީ ދިވެހިންގެ ތެރޭ އާންމުވެފައިވާ ކަމެއް ކަމަށާއި އެކަން ހުއްޓުވަން ޖެހޭކަން ފާހަގަކުރައްވައިފައެވެ. އަދި މަޖިލީހުގެ އިންތިހާބުގައި ބައިވެރިވާ ހުރިހާ ކެނޑިޑޭޓުންނަށް އިންތިހާބީ ކޮރަޕްޝަން ހުއްޓުވުމާއި ގުޅޭ މި ލީފްލެޓް ހަވާލުކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.