އިބްރާހިމް ޒަކީ
ދައުލަތުގެ ކުންފުނިތަކާބެހޭ ބޮޑެތި ކޮރަޕްޝަންތަކުގެ 238 މައްސަލައެއް ބަލަމުންއަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިިން ބުނެފި އެވެ.
އެކޮމިޝަންގެ ނައިބު ރައީސް މުއައްވިޒު ރަޝީދު މިއަދު ވިދާޅުވީ، އޭސީސީން ބަލާ ގިނަ މައްސަލަތަކަކީ ދައުލަތުގެ ބޮޑެތި ކުންފުނިތަކާ ގުޅުންހުރި ބޮޑެތި ހިޔާނާތުގެ މައްސަލަތައް ކަމަށެވެ.
"ކޮމިޝަންގައި މިވަގުތު ތަހުގީގުކުރަމުންދާ މައްސަލަ ތަކުގެ ތެރޭގައި ހިމެނޭ 238 މައްސަަލައަކީ ދައުލަތުގެ ކުންފުނިތަކަށް ނިސްބަތްވާ މައްސަލަތައް، ފެނަކަ ކޯޕަރޭޝަންގެ 52 މައްސަލައެއް، އެސްޓީއޯގެ 31 މައްސަލައެއް، ޕަބްލިކް ސާވިސް މީޑިޔާގެ 23 މައްސަލައެއް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ 19 މައްސަލައެއް، އަދި ގްރޭޓާ މާލޭ އިންޑަސްޓްރީ ޒޯންގެ 13 މައްސަލައެއް، އެމްޓީސީސީގެ 10 މައްސަލައެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާގުޅޭ 9 މައްސަލައެއް، އަދި އެމްއެމްޕީއާރުސީއާ ގުޅުންހުރި 9 މައްސަލައެއް، އެންމެ ގިނައިން މައްސަލަ ހުށަހެޅިފަހުރި 10 ކުންފުނީގެ ވާހަކަ މިދަންނަވާލީ،" މުއައްވިޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި މައްސަލަތަކުގެ ތެރެއިން ވަރަށް އަވަހަށް ނިންމުމަށް އިސްކަންދީގެ ޕަބްލިކް ސާވިސް މީޑިއާ އާއި ފެނަކައިގެ ހިޔާނާތުގެ މައްސަލަ ބަލަމުންދަނީ އެކަމަށް ހާއްސަ ކޮށްގެން އެކުލަވާލާަފައިވާ ހާއްސަ ޓީމަކުން ކަމަށެވެ.
މީގެ ތެރެއިން ޕަބްލިކް ސާވިސް މީޑިއާގެ އާއި ފެނަކައިގެ މައްސަލަަ ތަކަކީ ވަރަށް އަވަހަށް ނިންމުމަށް، ހާއްސަ ތަހުގީގު ޓީމުތަކެއް އެކުލަވާލައިގެން ކުރިއަށްގެންދާ މައްސަލަތަކެއް،" މުއައްވިޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުންފުނިތަކުގެ އުސޫލުތައް ކަނޑައަޅާފައި ހުންނަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަމަށް ވާތީ އެކަންތައްތައް ރަނގަޅު ކުރުމަށް ކުންފުނިތަކަށް އަންގާފައިވާނެ ކަމަށެވެ. އަދި އެކަން ރައީސުލް ޖުމްހުރިއްޔާގެ ސަމާލުކަމަށް ގެންނަވާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.