އިބްރާހިމް ޒަކީ
އެންޓި ކޮރަޕްޝަން ކޮމީޝަން (އޭސީސީ)ގެ ތަހުގީގުތަކާއި މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާ ކަމަށާއި، އޭގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު ގޮންޖެހުމަކީ، އެކޮމިޝަންގެ ގާނޫނަށާއި، ގާނޫނުލްއުގޫބާތާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ތިން އަހަރު ވޭތުވެފައިވާއިރުވެސް އަމަލީ ސިފައެއް ނައުންކަމަށް އޭސީސީން ބުނެފިއެވެ.
އެކޮމިޝަންގެ 2018 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ނެރެދެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، ރިޕޯޓް ނެރެދެއްވުމަށްފަހު ކޮމިޝަންގެ ނާއިބުރައީސް މުއައްވިޒު ރަޝީދު މިއަދު ވިދާޅުވީ، ކޮމިޝަނުން ތަހުގީގު ނިންމުމަށްފަހު ޕީޖީއަށް ފޮނުވާ މައްސަލަތައް ގިނަ ދުވަސްތަކަކަށްފަހު އަނބުރާ ފޮނުވައިލުންވެސް އެއީ ދިމާވާ ގޮންޖެހުމެއް ކަމަށެވެ.
"އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ދިމާވެފައިވަނީ ކޮމިޝަންގެ ގާނޫނަށާއި، ގާނޫނުލް އުގޫބާތަށާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް، ކޮމިޝަނުން ހުށަހަޅާފައިހުރި އިސްލާހުތަކަށް ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތޭރަގަ އަމަލީސިފައެއް އައިސްފަނެތުން، އެހެންކަމުން ކޮމިޝަންގެ ތަހުގީގުތަކަށް ވަނީ ވަރަށްބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ،" މުއައްވިޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ސަރުކަރުގެ އިދާރާތަކަށް އަމުރު ކުރާއިރު ބައެއް ފަހަރު އެކަށީގެންވާ އެއްބާރުލުން ނުލިބުމަކީވެސް ދިމާވެފައިވާ ވަރަށްބޮޑު ގޮންޖެހުމެއް ކަމަށެވެ.
"ތަހުގީގު ނިންމުމަށްފަހު ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާ މައްސަލަތަކާ ގުޅިގެން ދައުވާކުރުމާމެދު ގޮތެއް ނުނިމި ގިނަ ދުވަސް ވުމަށްފަހު އަނބުރާ މައްސަލަތައް އަންނަ ކަމީވެސް ގޮންޖެހުންތަކެއް. ހުށަހެޅޭ މައްސަލަތަކާގުޅިގެން ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހޯދުމުގަ އާއި އަދި ކޮށްފައިވާ އަމުރުތަކަށް އިޖާބަ ދިނުމުގައި އެކަށީގެންވާ ވަރެއްގެ، ބައެއް ފަހަރު އެއްބާރުލުން ނުލިބުމުގެ ސަބަބުން މައްސަލަަތައް ނިންމުމުގަ ލަސްތަކެއްވޭ،" މުއައްވިޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ވޭތުގެދިޔަ 2018 ވަނަ އަހަރު އޭސީސީން 1299 މައްސަލައެއް ބަލާފައިވާ ކަމަށެވެ.