ޕީޕަލްސް ނެޝަނަލް ކޮންގްރެސް

ޕާޓީތަކުގެ މަޝްވަރާއަށް އެދި ފޮނުވި ސިޓީއަށް ދެހަފްތާ، އަދިވެސް ޖަވާބެއް ނުލިބޭ: ސައީދު

ޝަހީދާ އަބްދުﷲ ސައީދު

1

ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް އެދި ޕްރޮގްރެސިވް ކޯލިޝަނުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީ ފޮނުވިފަހުން، ދެ ހަފްތާ ވެގެންދިޔައިރުވެސް ސިޓީގެ ޖަވާބު ނުދެއްވާކަމަށް ޕީއެންސީގެ ވަގުތީ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ރައީސް ޔާމީން ހައްޔަރުގައި ބެހެއްޓުމާއި ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހިނގާ ކަންކަމާ ގުޅިގެން ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ބައްދަލުވުމަކަށް އެދި މީގެ ދެހަފްތާ ކުރިން ރައީސް އޮފީހަށް ސިޓީއެއް ހުށަހަޅައިފައިވާކަމަށެވެ.

ސައީދު ވިދާޅުވީ އޯލްޕާޓީ ޓޯކްސްއަށް ހުށަހެޅީ އެއްވެސް ޝަރުތެއް ނެތި ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި އެމްޑީޕީއަށް ދައުވަތު ދިން ފަސް ފަހަރުވެސް އޭރު ބަންދުގައި ހުންނެވި ކުރީގެ ރައީސް ނަޝީދު މިނިވަން ކުރުމަށް ޝަރުތު ކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ރައީސް ޔާމީން ހައްޔަރުގައިބަހައްޓާ މައްސަލައާ ގުޅިގެން މީގެ ކުރިން ވެސް ރައީސް ސޯލިހުއާ ބައްދަލުކުރައްވާފައިވާނެ ކަމަށާއި އެދުވަހުގެ ބައްދަލުވުމުގައި އެކަން ބައްލަވާނެ ކަމަށް ވިދާޅުވި ނަމަވެސް ފަނަރަ ދުވަސް ވޭތުވެދިޔައިރު، ރައީސް ސޯލިހުވެސް އިތުރު ޖަވާބެއް ނުދެއްވާ ކަމަށް ސައީދު ވިދާޅުވިއެވެ.

މީގެއިތުރުން ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް ވިދާޅުވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއަށް ފޯނުކުރައްވައި، ރައީސް ޔާމީން ހައްޔަރުގައި ހުންނަވާ މައްސަލައާ ގުޅިގެން ބައްދަލުކޮށް މަޝްވަރާކުރަން ބޭނުންވާކަމަށް ދެންނެވުމުން އެކަމަށް ވަގުތު ހޯއްދަވައިގެން ވާހަކަ ދައްކަވާނެ ކަމަށް ވިދާޅުވި ނަމަވެސް ފަހުން މިނިސްޓަރު އިމްރާންވެސް ފޯނު ނުނަންގަވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ކުރީގެ ރައީސް ނަޝީދަށްވެސް ތިން ފަހަރަށް ގުޅުއްވި ކަމަށާއި ނަޝީދުވެސް ފޯނަށް ޖަވާބު ނުދެއްވާ ކަމަށެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ބުނެފައިވަނީ ރައީސް ޔާމީން ހޮސްޕިޓަލުގައި އޮންނަވަން ބޭނުންފުޅު ނުވާކަމަށާއި އެހެންކަމުން އެމަނިކުފާނު ގޭ ބަންދަށް ބަދަލުކޮށްދިނުމަށް އެދޭ ކަމަށެވެ.

އަދި ރައީސް ޔާމީން ހައްޔަރުގައި ބަހައްޓަނީ މަޖިލިސް އިންތިޚާބަށް ނުފޫޒު ފޯރުވަން ކަމަށް ވެސް ބުނެފައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟