"އިލީގަލް ސްޓްރީޓް ރޭސިން"އަށް މަގުފަހިވާ ގޮތަށް މެންދަމު ގަޑީ ހުޅުމާލޭގައި ރޭސިން ހަރަކާތްތައް ކުރިއަށް ގެންދިއުމަކީ މޮޓޯސްޕޯޓްސްއަށް ހެޔޮ އެދިގެން ބަޔަކު ކުރާނެ ކަމެއް ނޫން ކަމަށާއި އެކަމާމެދު ކަންބޮޑުވާ ކަމަށް ރޭސިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) އިން ބުނެފިއެވެ.
ރޭސިން އެސޯސިއޭޝަނުން އެގޮތަށް ބުނެ ބަޔާނެއް ނެރެފައި ވަނީ، މިދިޔަ ބުރާސްފަތި ދުވަހުގެ މެންދަމު ހުޅުމާލޭގައި ޑްރިފްޓް ހަރަކާތްތަކެއް ކުރިއަށް ގެންދަން އުޅުނު ޒުވާނުންނަށް ފުލުހުން ހުރަސް އެޅުމުން އެ ޒުވާނުން މުޒާހަރާކޮށް، އެ އެސޯސިއޭޝަނުން މޮޓޯ ސްޕޯޓްސްއަށް ފުރުސަތު ހޯދައި ނުދޭ ކަމަށާއި ސަރުކާރުން އަދިވެސް މޮޓޯސްޕޯޓްސް ބަލައިނުގަންނަ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފާޑުކިޔުން އަމާޒުވުމުންނެވެ.
"މި އެސޯސިއޭޝަނުން ދެކޭގޮތުގައި ދަންވަރު ވަގުތަކީ ކުޅިވަރެއް ކުރިއަރުވަން ރަގަޅު ވަގުތެއް ނޫނެވެ. އެގޮތަށް އެކަން ކުރުމުން އެތަކެއް ޒުވާނުންނަކަށް މަގުތަކުގެ ގާނޫނާއި ގަވައިދު މަތިން ހަދާން ނެތި މޮޓޯސްޕޯޓްސްގެ ކޮންޑަކްޓުން ބޭރުވެ ބާރު ސިޕީޑުގައި ދުންވުން އިތުރުވެއެވެ. އަދި ދަންވަރު މިކަން ކުރާތީ އެތަކެއް ބަޔެއްގެ ނިދި ގެއްލި އެތަކެއް އުދަނގުލެއް ކުރިމަތިވެއެވެ." ރޭމްގެ ބަޔާނުގައިވެއެވެ.
އެ ސޯސިއޭޝަނުން ބުނީ، ޑްރިފްޓް އަޅަން ބޭނުންކުރާ ސަރަހައްދަކީ ބިދޭސީންގެ ގިނަ ބަޔަކު ދިރިއުޅޭ ސަރަހައްދެއް ކަމަށްވުމުން ދަންވަރު އެ ބިދޭސީންނަށް އަރާމުކުރުމަށް އުނދަގޫތަކަކާ ކުރިމަތިވާ ކަމަށެވެ. އަދި ފުލުހުންނާ ކުރިމަތިލި ކުރިމަތިލުންވެސް އެސޯސިއޭޝަނުން ވަނީ ކުށްވެރިކޮށްފައެވެ.
ރޭމުން އިތުރަށް ބުނީ، ރޭސިންގެ ކުޅިވަރުތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބި، ސަރުކާރާއެކު މަސައްކަތްކުރާ ކަމަށާއި އެޗްޑީސީ މެދުވެރިވެ، ޑްރިފްޓިންނަށްވެސް ހާއްސަ ސަރަހައްދަކާއި ހާއްސަ ގަޑިތަކެއްވެސް ކަނޑައަޅާފައިވާ ކަމަށެވެ.
"ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހުއްދަ ދީފައި އޮތްތަނުން ޖާގައެއް، ޑުރިފްޓް އެސޯސިއޭޝަނަސް ފޯރުކޮށްދީފައިވާނެއެވެ. އެގޮތުން ދިވެހި ފުލުހުންނާއި އެޗްޑީސީ އަދި ޑްރިފްޓް އެސޯސިއޭޝަންގެ އިސް ބޭފުޅުންނާއެކު ބައްދަލުވި މީޓިންއެއްގައި ކޮންމެ ހުކުރު ދުވަހެއްގެ މެންދުރުފަހު 2:00 އިން 6:00 އަށް އެތަނުގައި ފަރިތަކުރުންތައް ކުރިއަށް ގެންދެވޭނެ ކަމުގައި ދަންނަވާފައިވާނެއެވެ. އެގޮތަށް އެކަން ކުރުމުގައި މައްސަލައެއް ނެތް ކަމަށް ފުލުހުންނާއި އެޗްޑީސީންވެސް ވަނީ ބުނެފައެވެ. އަދި ދަންވަރު (އިވެންޓްތައް) ނުބާއްވާ ދުވާލު ބޭއްވީމާ ލިބޭނެ ފައިދާތަކުގެ ވާހަކަވެސް ވާނީ ހިއްސާކޮށްފައިވާނެއެވެ." އެސޯސިއޭޝަންގެ ބަޔާނުގައިވެއެވެ.
ރޭމުން އިތުރަށް ބުނީ ދަންވަރު ގަޑީގައި މޯޓޯ ސްޕޯޓްސްގެ ހަރަކާތްތައް ކުރިއަށް ގެންދިއުން ސިފަ ވަނީ ވަކިބަޔަކަށް މަންފާއެއްވާނެ ގޮތަށް ހިންގޭ "އިލީގަލް ސްޓްރީޓް ރޭސިން" އަށް ހިތްވަރު ލިބޭ ކަމެއްގެ ގޮތުގައި ކަމަށެވެ.
"ފުރުސަތުގެ ބޭނުން ނުހިފައި ހުއްދަ ނެތި ދަންވަރު ހަރަކާތްތައް ބާއްވަމުން ދިއުމުން އަޅުގަނޑުމެންނަށް ދޭހަވީ މިއީ ކުޅިވަރެއް ކުރިއަރުވަން މަސައްކަތްތަކެއް ކުރަން އުޅުމުގެ ބަދަލުގައި ވަކިބަޔެއްގެ އަމިއްލަ އެދުމެއްގައި އެސޯސިއޭޝަންއެއް ހަދައިގެން "އިއްލީގަލް ސްޓްރީޓް ރޭސިން” ހަރަކާތް ބާއްވަންކުރާ ކަމެއް ގޮތުގައެވެ. އެއީ މިއަދު ރާއްޖޭގައި މިކަން ކުރެވޭނެ ނޫނީ ކުރުން އެންމެ ރަނގަޅު ގޮތްކަމުގައި މި އެސޯސިއޭޝުން ނުދެކެމެވެ." ރޭމުން ބުންޏެވެ.
އެ އެސޯސިއޭޝަނުން ބުނީ، ރޭސިންގެ ކަންކަމަކީ ބޮޑު ޖާގައެއްގައި ކުރެވެން އޮންނަ ކަމަކަށްވާ އިރު، ރޭސިންއާއި މޮޓޯ ސްޕޯޓްސްގެ ކުޅިވަރު ކުރިއަށް ގެންދާނެ ވަކި ތަނެއް ހަމަޖެއްސުމުގައި ދާއިމީ ހައްލެއް ހޯދަން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން މި އަހަރުތެރޭ ރޭސިން ޓުރެކްގެ އަމަލީ މަސައްކަތް ފެށޭނެ ކަމުގެ ޔަގީންކަން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ދެއްވާފައިވާ ކަމަށާއި އެ މަސައްކަތް ހިނގަމުންދާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އެއްބާރުލުމާ އެކުގައި ކަމަށްވެސް ރޭމުން ބުންޏެވެ.