ޚަބަރު

ރޭސިން ސަރަހައްދުގެ ހުއްދަ ބާތިލުކޮށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމައިފި

މުހައްމަދު އިޝާން

ރޭސިން އަދި ޑްރިފްޓް ކުރުމަށް ހުޅުމާލެއިން ދީފައިވާ ސަރަހައްދުގެ ހުއްދަ ބާތިލުކޮށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.

ރައީސް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މަގުތަކަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށްޓަކައި ކަމާ ގުޅޭ މުއައްސަސާތަކަށް މިއަދު އެންގި އެންގުތަކަށް އާންމުކުރައްވައިފައެވެ.

އެކަންކަމުގެ ތެރޭގައި ރޭސިން އަދި ޑްރިފްޓިންއަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުންކުރުމަށް 2023 އޮކްޓޫބާ 19 ގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދީފައިވާ ހުއްދަ ވަގުތުން ބާތިލުކުރުން ހިމެނެއެވެ. އަދި ކަނޑައެޅިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވާ އުޅަނދުތައް ވަގުތުން ހުއްޓުވައި އުޅަނދު ދުއްވާ ފަރާތުގެ ލައިންސަންސް އާއި އުޅަނދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުން ވެސް ހިމެނެއެވެ.

އަދި ވަކި ސީސީ (ހޯސްޕަވާ) އަކުން ފެށިގެން މަތީގެ އެއްގަމުގައި ދުއްވުން ހުއްޓުވުމަށާއި އެއްގަމު އުޅަނދުތަކުގެ ސައިލެންސަރު ބަދަލުކޮށްގެން އަޑުގަދަކޮށް ދުއްވުން ހުއްޓުވުމަށް އެފަދަ އާލަތްތައް އެތެރެކުރުން މަނާކުރުމަށް ގާނޫނާއި ގަވާއިދަށް ބަދަލު ގެނައުމަށް ރައީސް ވަނީ އަންގަވައިފައެވެ.

މީގެ އިތުރުން ފުލުހުން ހުށަހަޅާފައިވާ ޕްލޭނާ އެއްގޮތަށް ހުޅުމާލޭގެ 150 ސަރަހައްދެއްގައި ސްޕީޑް ބްރޭކަރު ހަރުކުރުމާއި ސްޕީޑް ޑިޓެކްޓިން ކެމެރާ ހަރުކުރުމަށް ރައީސް ވަނީ އަންގަވައިފައެވެ.

ގްރެޖުއޭޓިން ލައިސަންސް ސިސްޓަމެއް ތައާރަފު ކުރުމަށާއި ގަވާއިދާ ހިލާފަށް ވެހިކަލް ދުއްވާ ފަރާތްތަކުގެ ލައިސަންސުން ޕޮއިންޓް ކެނޑުމަށް ވެސް ރައީސް ވަނީ އަންގަވައިފައެވެ. ޓްރެފިކް ގަވާއިދުތައް ތަންފީޒު ކުރުމަށް ފުލުހުން މިހާރު ކުރަމުންދާ މަސައްކަތް އިތުރަށް ފުޅާކުރުމަށް އަންގަވާފައިވެއެވެ.

ރައީސް އެކަންކަން އެގޮތަށް ކުރުމަށް އަންގަވާފައިވަނީ ރޭ ދަންވަރު ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސްޕޯޓްސް ކާރެއް، ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި، ސައިކަލް ދުއްވަން އިން ޒުވާނާ މަރުވުމާ ގުޅިގެންނެވެ.

އެ އެކްސިޑެންޓާ ގުޅިގެން މަގުތަކުގެ ރައްކާތެރިކަމަށް ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ރައީސް ވަނީ މިއަދު ވިދާޅުވެފައެވެ.