ޚަބަރު

މާލޭ ސަރަހައްދުގައި ރޭސިން ޓްރެކާއި ސާފިން ސްޓޭޑިއަމެއް ތަރައްގީކުރަނީ

މާލޭ ސަރަހައްދުގައި ރޭސިން އާއި ޑްރިފްޓް އެރީނާއެއްގެ އިތުރުން ސާފިން އާއި ބޮޑީބޯޑިން ސްޓޭޑިއަމެއް ތަރައްގީ ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

އެގޮތުން އިއްޔެ ވަނީ ރޭސިން އާއި ޑްރިފްޓް އެރީނާގެ މަސައްކަތަށް ބިން ހަމަޖައްސައި، ސްޕޯޓްސް މިނިސްޓްރީ އާއި އެޗްޑީސީ އާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. އަދި ސާފިން އާއި ބޮޑީބޯޑިންއަށް ސްޓޭޑިއަމެއް ތަރައްގީ ކުރުމަށް މިނިސްޓްރީން ވަނީ ހޮންގް ކޮންގްގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޯލޮޖީއާ އެކު އެމްއޯޔޫއެއްގައި ސޮއި ކޮށްފައެވެ.

ރޭސިން އާއި ޑްރިފްޓިން އަކީ ރާއްޖޭގައި ޒުވާނުންގެ މެދުގައި މަގުބޫލު ކުޅިވަރެކެވެ. ސާފިން އާއި ބޮޑީބޯޑަކީ ރާއްޖޭގައި މިހާރު އެންމެ ކުރިއަރަމުން އަންނަ ދެ ކުޅިވަރެވެ.

އެޗްޑީސީން ބުނީ މިއީ ސަރުކާރުން ތަފާތު ކުޅިވަރުތައް ކުރިއެރުވުމަށް ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަޝަރޫއުތަކެއް ކަމަށެވެ. އެގޮތުން ރޭސިން އާއި ޑްރިފްޓް އެރީނާ މަޝްރޫއުގެ މައިގަނޑު މަގުސަދަކީ މޮޓޯ ސްޕޯޓްސްއަށް އެކަށޭނެ ސަރަހައްދެއް ތަރައްގީކުރެވިފައި ނުވާތީ ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނު ކަމަށެވެ. އަދި ރޭސިން އަދި ޑްރިފްޓް ސްޕޯޓްސް އެރީނަ ތަރައްގީކުރުމުން ރައްކާތެރި ގޮތެއްގައި މޮޓޯ ސްޕޯޓްސްގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ޒުވާނުންނަށް ތަފާތު ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދީ، ހުނަރު ތަރައްގީ ކުރުމަށް އެހީތެރިވުމަކީ އެޗްޑީސީ އިން އަބަދުވެސް އިސްކަން ދޭ ކަމެއް ކަމަށެވެ.