އިނގިރޭސި ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި ދުނިޔޭގެ ކަންކޮޅުތަކުން ތައުޒިޔާ އޮހެނީއެވެ. އެޔާއެކު އިނގިރޭސި ރަސްކަމުގެ ކުރިމަގާމެދު އައު ބަހުސެއްވެސް ވަނީ ފެށިފައެވެ. ކިންގް ޗާލްސް ތިންވަނައިގެ ރަސްކަން ހަމަފެށުމާއެކު އިނގިރޭސި ތަޚުތުން ނެއްޓިގަތުމުގެ ގޮވެލި ކެރީބިއަންގެ ގައުމުތަކުގައި ވަނީ ގަދަވެފައެވެ. އިނގިރޭސި ތަޚުތާއި ކުރިން ގުޅިފައިވާ، އެކަމަކު މިހާރު އެއިން ނެއްޓިފައިވާ ގައުމުތަކާއި، މިހާރުވެސް ގުޅިފައިވާ ގައުމުތަކާއި، އެއްވެސް ޒަމާނެއްގައި ގުޅިފައިނެތް ގައުމުތަކުގެ ތަސްވީރެއް އެންމެ ނަލަކޮށް ކުރަހައިލެވޭނީ ކޮމަންވެލްތޭ ކިޔުނު ޖަމިއްޔާއިންނެވެ. އެއީ ޖުމްލަ 56 ގައުމު ހިމެނޭ ބައިނަލްއަގުވާމީ ބޮޑު ޖަމާއަތެކެވެ. އޭގެ ވެރިޔަކީ އިނގިރޭސި ތަޚުތުގައި އެވަގުތަކު އިންނަވާ ބޭފުޅެކެވެ. މިވަގުތު ޗާލްސް ތިންވަނައެވެ.
ކޮމަންވެލްތުގައި ހިމެނޭ 56 ގައުމުގެ އާބާދީގެ ޖުމްލަ 2.5 ބިލިޔަނަށް އަރައެވެ. މި ޖަމާއަތުގައި ބައިވެރިވުމާއި ވަކިވުމާއި ދެމިތިބުމަކީ މެންބަރު ކޮންމެ ގައުމެއްގެވެސް އަމިއްލަ އިޚުތިޔާރުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އެކަމުގައި އިނގިރޭސި ތަޚުތަށް ވަކި ބާރެއް ނޯވެއެވެ. މި ގައުމުތައް ބެހިގެންވަނީ މައިގަޑު ގޮތެއްގައި ދެބަޔަކަށެވެ. އެއްބަޔަކީ ކޮމަންވެލްތު ރެއާމް ގްރޫޕުގެ މެންބަރުންނެވެ. މިއަދުގެ ހަގީގީ ކޮމަންވެލްތަކީ އެއީއެވެ. މި ގްރޫޕްގައި ހިމެނެނީ އިނގިރޭސިވިލާތާއެކު ޖުމްލަ ސާދަ ގައުމެވެ. މިދެންނެވި ސާދަ ގައުމުގައިވެސް ދައުލަތުގެ އެންމެ އިސްވެރިޔަކީ އިނގިރޭސި ރަސްގެފާނެވެ. ޗާލްސް ތިންވަނައެވެ. އޮސްޓްރޭލިޔާ، ކެނެޑާ، ނިއުޒީލެންޑް، ޖެމޭކާ، ޕަޕުއާނިއުގިނީ، ސޮލަމަން އައިލެންޑްސް، ބަހާމާސް، އަދި ބެލީޒާއި ޓުވާލޫ ހިމެނެނީ މި ގްރޫޕުގައެވެ.
ކުރިން ދެންނެވި ގައުމުތަކުގެ އިތުރަށް ކޮމަންވެލްތު ރެއާމްގައި ދެން ހިމެނެނީ އެންޓިގުއާ އެންޑް ބާބިއުޑާ، ގްރެނޭޑާ، ސެންޓް ކިޓްސް އެންޑް ނެވިސް، ސެންޓް ލޫސިއާ، ސެންޓް ވިންސެންޓް އެންޑް ދަ ގްރެނެޑީންސްއެވެ. މިތަންތާގެ ހެޑް އޮފް ސްޓޭޓަކީ ޗާލްސް ތިންވަނައެވެ. މިތަންތާގެ ފައިސާގައި ޗާލްސްގެ ތަސްވީރުވެސް ހުންނާނެއެވެ. ރާނީގެ ތަސްވީރު ހުރިފަދައިންނެވެ. މި ގްރޫޕުގެ ތެރޭގައި އެންމެ ގިނައީ ކެރީބިއަންގެ ޖަޒީރާ ގައުމުތަކެވެ. ކޮމަންވެލްތު ރެއާމުން ވަކިވެ، ޗާލްސް ތިންވަނަޔާއި ދުރަށް ޖެހި، ކޮމަންވެލްތުގެ އާދައިގެ މެންބަރުންނަށްވާން ބޭނުންވެގެން މިހާރު އެކަމުގެ އަޑު އެންމެ ގަދަޔަށް އިވެމުންދަނީ ކެރީބިއަން ސަރަހައްދުންނެވެ. ޖުމްހޫރިއްޔަތަކަށް ބަދަލުވެގަތުމުގެ ފިކުރު މިވަގުތު އެންމެ ބޮޑަށް ދައުރުވަމުންދަނީ އެ ސަރަހައްދުގައެވެ. އެހެންވީމާ ވާން އުޅެނީ ކީއްތޯ ބަލައިލަން އެބަޖެހެއެވެ.
ނެއްޓިގަތުމުގެ ވިސްނުން އެންމެ ބޮޑީ ޖެމޭކާ، އެންޓިގުއާ އެންޑް ބާބިއުޑާ، އަދި ސެންޓް ވިންސެންޓް އެންޑް ދަ ގްރެނެޑީންސްގައެވެ. ރާނީ އަވަހާރަވުމާއެކު އެންޓިގުއާ އެންޑް ބާބިއުޑާގެ ބޮޑުވަޒީރު ގެސްޓަން ބްރައުން އިއުލާން ކުރެއްވިއެވެ. ޖުމްހޫރިއްޔަތެއް އިއުލާންކުރުމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ނެގޭނެއެވެ. ޖެމޭކާގެ ބޮޑުވަޒީރު އެންޑްރޫ ހޯލްނެސް ވިދާޅުވިއެވެ. ފުރިހަމަ މިނިވަން ގައުމަކަށް ވުމުގެ ވަގުތު އައީއެވެ. އެކަން ކުރެވޭނީ ޖުމްހޫރިއްޔަތަކަށް އެނބުރިގެންނެވެ. ސެންޓް ވިންސެންޓް އެންޑް ދަ ގްރެނެޑީންސްގެ ބޮޑުވަޒީރު ރާފް ގޮންޒަލްވެސް ވިދާޅުވިއެވެ. ކުރިއަށް އޮތް އަހަރެއްހައި ދުވަހުގެ ތެރޭގައި ޖުމްހޫރިއްޔަތެއް ގެނައުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގޭނެއެވެ. ޚިޔާލު އެއްކުރުންތަކުން އެނގޭ ގޮތުގައި މި ތިން ގައުމުގައިވެސް ފަސްދޮޅަސް އިންސައްތަ މީހުން ބޭނުންވަނީ ޖުމްހޫރިއްޔަތެކެވެ.
ވަކިވެގަތުމުގެ ވާހަކަ މިވަގުތު ދައްކަން ބޭނުން ނުވާ ގައުމުތަކެއްވެސް ވެއެވެ. އޭގެތެރޭގައި ހިމެނެނީ އޮސްޓްރޭލިއާ، ނިއުޒީލެންޑް، ކެނެޑާ، ޕަޕުއާނިއުގިނީ، ސޮލަމަން އައިލެންޑްސް އަދި ޓުވާލޫއެވެ. ނިއުޒީލެންޑްގެ ބޮޑުވަޒީރު ޖޮސިންޑާ އާޑާން ވިދާޅުވިއެވެ. ރާނީ އަވަހާރަވީ ދަނޑިވަޅުގައި ވަކިވެގަތުމުގެ ވާހަކަ ދެއްކުން ރަނގަޅެއް ނޫނެވެ. އެކަމަކު ދާދިއަވަހަށް ނިއުޒީލެންޑު ޖުމްހޫރިއްޔަތަކަށް ވުމަކީ ވަރަށް ކައިރި ކަމެއް ކަމަށް ވިދާޅުވިއެވެ. ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވިއެވެ. މިވަގުތު މިތިބީ ޗާލްސް ތިންވަނަޔާއެކުގައެވެ. ކުރިމަގު ނިންމާނީ ރައްޔިތުންނެވެ. އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނޭސީ ވިދާޅުވިއެވެ. މިވަގުތަކީ ވަކިވެގަތުމުގެ ވާހަކަ ދައްކަންވީ ވަގުތެއް ނޫނެވެ. ވަގުތު އައިމާ ރައްޔިތުން ގޮތް ނިންމާނެއެވެ. ސޮލަމަން އައިލެންޑްސް އާއި ޕަޕުއާނިއުގިނީ އަދި ޓުވާލޫންވެސް ބުނެފައިވަނީ މިޒާތުގެ ވާހަކައެކެވެ.
މަތީގައި ބަޔާންކުރެވުނީ ކޮމަންވެލްތު ރެެއާމްގެ ގައުމުތަކުގައި ވަކިވަގުތުމުގެ ވާހަކަވާހަކަ މިވަގުތު ހުރިގޮތެވެ. ޚުދު އިނގިރޭސިވިލާތުގައިވެސް ރަސްކަން އުވައިލުމަށް ތާއީދުކުރާ މީހުންގެ އަދަދު މިހާރު އަންނަނީ ގިނަވަމުންނެވެ. ޚާއްސަކޮށް ސްކޮޓްލެންޑުގައެވެ. ގިނަބަޔަކު އެވާހަކަ ނުދައްކައި މިހާތަނަށް މަޑުން ތިބީ ރާނީގެ މަގްބޫލުކަން ބޮޑުކަމުންނެވެ. ޗާލްސްއަކީ އެހައި މަގްބޫލު ބޭފުޅެއް ނޫނެވެ. މި މައްސަލައިގައި ޗާލްސް ވަނީ އޭނާގެ ރަސްކަމުގެ ފުރަތަމަ ދުވަހުވެސް ވާހަކަފުޅު ދައްކަވައިފައެވެ. އަދި މިއަހަރުގެ ޖޫންމަހު ބޭއްވި ކޮމަންވެލްތު ގަައުމުތަކުގެ އެންމެ އިސްވެރީންގެ ސަމިޓުގައިވެސް މިކަމާބެހޭގޮތުން އޭނާ ވަނީ ވަރަށް ދިގުކޮށް ވާހަކަފުޅު ދައްކަވައިފައެވެ. ވިދާޅުވިއެވެ. ވަކިވުމާއި ނުވުމަކީ ކޮންމެ ގައުމެއްގެ ރައްޔިތުންނަށްވެސް ލިބިގެންވާ ހައްގެކެވެ. އޭގެތެރެއަށްވަދެ ގޮތްކިޔައި ނުފޫޒުފޯރުވުމަކީ ޝާހީ އާއިލާއިން ކުރާނޭ ކަމެއް ނޫނެވެ.